އެތުލެޓިކޯ މެޑްރިޑް 3-1 އިން ބަލިކުރުމަށްފަހު ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގުގެ އެއްވަނައިގައި ބާސާ އޮތީ 15 މެޗުން 37 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 14 މެޗުން 33 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ. ލީގުގައި މިރޭ ރެއާލުން އެތްލެޓިކް ބިލްބާއޯއާ ދެކޮޅަށް ނިކުންނާނެ އެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އެތްލެޓިކޯ އިންނެވެ. މެޗުގެ 19 ވަނަ މިނެޓްގައި އެލެކްސް ބައޭނާ މި ގޯލު އެތްލެޓިކޯ އަށް ކާމިޔާބުކޮށްދިނީ ބާސާގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. ނަމަވެސް މެޗުގެ 26 ވަނަ މިނެޓްގައި ރަފީނިއާ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ރަފީނިއާ މި ގޯލު ކާމިޔާބުކުރީ އެތްލެޓިކޯގެ ކީޕަރު އޮބްލަކް ކައިރިން ނައްޓާލުމަށްފަހު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
މެޗުގެ 36 ވަނަ މިނެޓްގައި ބާސާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ރޮބަޓް ލެވެންޑޯސްކީ ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑި މަތިން ބޭރަށެވެ.
މި މެޗުގައި ބާސާއަށް ލީޑު ނަގައިދިނީ މެޗުގެ 65 ވަނަ މިނެޓްގައި ޑެނީ އޮލްމޯ އެވެ. އެތްލެޓިކޯގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އޮލްމޯ އަމާޒުކޮށްލީ ގޯލުގެ ތިރީ ކަނަށެވެ. މި މެޗުން ބާސާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ.