Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ސެލޫނަކަށް ގޮސް ވެކްސް ކުރުން ހުއްދަތޯ؟

ސެލޫނަކަށް ގޮސް ވެކްސް ކުރުމަކީ ކޮން ކަހަލަ ކަމެއްތޯ އެވެ؟ އަދި ޕެޑިކިއޯ ފަދަ ކަންކަން ކުރުމަކީ ހުއްދަ ކަމެއްތޯ އެވެ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله

ސެލޫންތަކަށް ގޮސް ޢައުރަ ކަޝްފުކޮށްގެން ވެކްސް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. ޢައުރަ ކަޝްފުނުކޮށް ވެކްސްކުރުން މިސާލަކަށް މޫނުގެ ނުވަތަ އަތުގެ އިސްތަށިތައް ބޭލުން ހުއްދަވެގެންވެއެވެ. ހުއްދަ ނުވަނީ ޢައުރަ ކަޝްފުކޮށްގެން ކުރާ ކަންކަމެވެ. ޢައުރަ ކަޝްފު ކުރަނީ ކިހިލިފަތުގެ އިސްތަށިތައް ބޭލުމަށް ކަމުގައި ވިޔަސް ނުވަތަ ލަދުވެތި ގުނަވަނުގެ އިސްތަށިތައް ބޭލުމަށް ކަމުގައި ވިޔަސްމެ އެވެ. އަންހެނަކު، އަންހެނަކު ލައްވާ އެކަން ކުރުވި ކަމުގައި ވިޔަސް މެ އެވެ.

އެކަން ޙަރާމް ވަނީ އަންނަނިވި ދަލީލުންނެވެ.

عَن أَبِي سَعِيدٍ الْخُدْرِيِّ قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لَا يَنْظُرُ الرَّجُلُ إِلَى عَوْرَةِ الرَّجُلِ وَلَا تَنْظُرُ الْمَرْأَةُ إِلَى عَوْرَةِ الْمَرْأَةِ . رواه مسلم (338)

އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ފިރިހެނަކު، ފިރިހެނެއްގެ ޢައުރައަށް ނުބަލާ ހުށިކަމެވެ. އަދި އަންހެނަކު، އަންހެނެއްގެ ޢައުރައަށް ނުބަލާ ހުށިކަމެވެ.”

އެއް ޖިންސުގެ މީހުންވެސް އެއްބަޔަކު އަނެއްބަޔެއްގެ ޢައުރައަށް ބެލުމަކީ އެކަމުގެ ޙަރާމްކަމުގެ މައްޗަށް ޢިލްމުވެރިން އިޖްމާޢުވެފައިވާ ކަމެކެވެ.

އަޞްލަކީ ކޮންމެ މީހަކު ވެސް އެ މީހަކު އަމިއްލަ އަށް ލަދުވެތި ގުނަވަނުގެ އިސްތަށިތައް ބޭލުމެވެ. އެހެން މީހަކު ލައްވައި، ލަދުވެތި ގުނަވަނުގެ އިސްތަށިބޭލުން ހުއްދަވަނީ ޟަރޫރީ ޙާލަތެއްގައެވެ. އެއީ، މިސާލަކަށް ހަށިގަނޑު ޙަރަކާތް ނުކުރެވުން (ވާގިނެތުން) ފަދަ ބައްޔެއްގެ ސަބަބުން ނުވަތަ ބުއްދި ފިލައިދިޔުންފަދަ ސަބަބެއް މެދުވެރިވެގެން އަމިއްލައަށް އެކަންނުކުރެވޭ ޙާލަތްތަކުގަ އެވެ.

ޕެޑިކިއޯގެ ފަދަ ކަންކަން، އެ ޚިދުމަތް ދެނީ ފިރިހެނަކަށް ފިރިހެނަކު ނަމަ، ނުވަތަ އަންހެނަކަށް އަންހެނަކު ނަމަ، ހުއްދަވެގެންވެ އެވެ.

والله أعلم.

ޖަވާބު ދެއްވީ: ޝައިހް މުހައްމަދު ޝާފިއު