އައްޑޫގެ ސްކޫލްތަކުގެ ހިންގުމަށް އަސަރު ކުރާ ވަރަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ، މޭޔަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އައްޑޫގެ ސްކޫލްތަކުގެ ހިންގުމަށް ބަދަލު ގެނެސް ޓީޗަރުންނާއި ދަރިވަރުންގެ އިހްސާސްތަކަށް ވެސް ބެލުމެއްނެތި ، ސްކޫލްތަކުގެ ޕްރިންސިޕަލުން އެއް ތަނުން އަނެއްތަނަށް ބަދަލު ކުރުމަކީ ސްކޫލްތަކުގެ ހިންގުމަށް އަސަރު ކުރުވާނެ ކަމެއް ކަމަށެވެ.
"ފަހުގެ ތާރީހެއްގައި ސްކޫލްތަކުގެ ހިންގުމަށް ސިޔާސީ ނުފޫޒު ފޯރާފައި ނުވާ މިންވަރަށް ސްކޫލްތަކަށް ނުފޫޒް ފޯރުވޭކަން ފާހަގަ އެބަ ކުރެވޭ،" މޭޔަރު ވިދާޅުވި އެވެ. "އަދި މިކަމުގައި ކަންބޮޑުވުން އެބައޮތް."
މި ފަހުން އައްޑޫގެ ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުން އެހެން ސްކޫލްތަލަށް ބަދަލު ކުރުމާއި ބައެެއް ޕްރިސިންޕަލުން އިސްތިއުފާ ދެއްވައި ސިޔާސީ މަގާމުތަކަށް ވަޑައިގެންފައިވެ އެވެ.
މިފަދަ ބަދަލުތަކާ ހެދި އައްޑޫގެ ތައުލީމީ ދާއިރާ އަށް ވަރަށް ބޮޑަަށް ގެއްލުވުންވާ ކަމަށާއި މިކަމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މި ސަރުކާރު އައި ފަހުން ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތައް ހިންގުމުގައި އިސްކޮށް ތިއްބެވި ބައެއް ފޭޅުން އެޑިއުކޭޝަން މިނިސްޓްރީ އާއި އެހެން ބައެއް މިނިސްޓްރީގެ ސިޔާސީ މަގާމުތަކަށް ވެސް ބަދަލުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި މާލޭގެ ބޮޑެތި ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުން ވެސް ހިމެނެ އެވެ.