ހަނގުރާމައިގެ ސަބަބުން ވީރާނާވެ ކަރުނަ އާއި ކެކުޅުމާއި އުދާސްތަކުގެ ތެރޭގައި އޮތް ގާޒާ އަށް އިއްޔެ ކައިވެނިތަކުގެ "ބޮޑު އީދެއް" އަތުވެއްޖެ އެވެ.
ޚާން ޔޫނުސްގައި އެއްފަހަރާ ބޭއްވި 54 ކައިވެންޏާ އެކު ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑު އުފާވެރި ކަމެއް ގެނެސްދީފަ އެވެ. މި ކައިވެނިތަކާ އެކި ގިނަ ބައެއްގެ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުން ގެނެސްދީފައިވާ އިރު، ކައިވެނިކުރި އަންހެނުން ތިބީ އެއްގޮތަކަށް ޑިޒައިންކޮށްފައިވާ ފަލަސްތީނުގެ ސަގާފަތް ދައްކުވައިދޭ ކަހަލަ ހެދުމުގަ އެވެ. ކައިވެނިކުރި ފިރިހެނުން ތިބީ ކޯޓް ފަޓްލޫނުގަ އެވެ.

ކައިވެނިކުރި ޖޯޑުތައް އެ އުފާވެރި ހަފުލާގައި ފަލަސްތީނުގެ ދިދައާ އެކު ގަތަރުގެ ދިދަ ވެސް ވިހުރުވަމުން ދިޔަ އެވެ. ގަތަރަކީ މެދުއިރުމަތިން ފަލަސްތީނަށް އެންމެ ބޮޑަށް އެހީވަމުން އަންނަ އަދި އެ ގައުމާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ މެދުވެރިއެެއްގެ ރޯލު އެންމެ ބޮޑަށް އަދާކުރާ ގައުމެވެ.

އެހެންވެ ގިނަ އަދަދެއްގެ ކައިވެނިތަކެއްގެ އުފާ ފާޅުކުރި ހަފުލާގައި ގަތަރުގެ ދިދަ ވިހުރުވަމުން ދިޔައީ އެ ގައުމަަށް ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.
އޮކްޓޯބަރު 7، 2023 ގައި ފަލަސްތީނުގެ ނަސްލު ނައްތައިލަން ޔަހޫދީން ފެށި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 70،000 އިން މައްޗަށް އަރާފައިވާ އިރު، ގާޒާ އޮތީ ސުންނާފަތިވެ، އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

ޚާން ޔޫނުސްގެ ވީރާނާވެފައިވާ މައިދާނެއްގައު ބޭއްވި "ބޮޑު ކައިވެނި ހަފުލާ" ގައި ގިނަ އަދަދެއްގެ އެކު އުމުރުގެ މީހުން ބައިވެރިވެ، އުފާފާޅުކުރި އެވެ.