Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ޕްލާސްޓިކް ކުދި ފެންފުޅި މަނާވާނީ 2027 ގައި

އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ އެއް ލީޓަރާއި އެއަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެންބަންދުކޮށް ރާއްޖެ އެތެރެ ކުރުން މަނާކުރާ ތާރީޚު ފަސްކުރަން ނިންމައިފި އެވެ.

އެގޮތަށް ނިންމީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ނެރުއްވި ގަރާރަކުންނެވެ.

"ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓްކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން" ގަރާރަށް ރައީސް އިސްލާހު ގެންނެވީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ލަފާގެ މަތީންނެވެ.

ކުރިން އޮތް ގޮތުން އެއް ލީޓަރާއި އެއަށް ވުރެ ކުދި، 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅިތަކުގައި ފެން ބަންދުކޮށް ރާއްޖެއަށް އެތެރެކުރުން އަދި އުފެއްދުން މަނާވާނީ މި މަހުގެ 1 އިން ފެށިގެންނެވެ.

ނަމަވެސް ރައީސް ގެންނެވި އިސްލާހާއެކު އެ ބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖެ އެތެރެކުރުން މަނާވާނީ ޑިސެންބަރު، 1 2027 އިން ފެށިގެންނެވެ.

މީގެ އިތުރުން އެބާވަތުގެ ޕްލާސްޓިކް ފުޅި ރާއްޖޭގެ ބާޒާރުގައި ވިއްކޭނެ ތާރީޚެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައި އޮތް މާޗް 1، 2026 އަށް ވެސް ބަދަލު ގެންނަވައި އެފަދަ ތަކެތި ބާޒާރުގައި ވިއްކޭނެ އެންމެ ފަހުގެ ތާރީޚަކީ ޖޫން 1، 2028 ކަމަށް ކަނޑައަޅުއްވާފައިވެ އެވެ.

އެތެރެކުރުން މަނާ ޕްލާސްޓިކް 14 ބާވަތެއް އެތެރެކުރެވޭނެ އަދި އުފެއްދޭނެ އެންމެ ފަހުގެ ތާރީޚުތައް ކަނޑައަޅުއްވާފައިވެ އެވެ. އެގޮތުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި އާއި ޕްލާސްޓިކް ތައްޓާއި ކެއުމަށް ބޭނުންކުރާ ތަކެއްޗާއި ކާބޯތަކެތި ބަންދުކުރާ ފުޅިމަދު ފޮއްޓާއި 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު ފަދަ ތަކެތި މިހާރުު ރާއްޖެ އަށް އެތެރެކުރުމާއި ބޭނުންކުރުން މަނަލެވެ.