Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

މަރަދޫ ބޮނޑޮގޭގައި އާޓް އެގްޒިބިޝަނެއް ކުރިއަށް

އައްޑޫ ސިޓީ ކައުންސިލުން މަރަދޫގެ ތާރީހީ ބޮނޑޮގޭގައި އާޓް ގެލެރީ ހުޅުވަން ނޮވެމްބަރު 29، 2025 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މި ތަނުގައި ޑިސެންބަރު 4 އާ ހަމައަށް ވަނީ އެގްޒިބިޝަނެއް ވެސް ކުރިއަށް ގެންދަމުން.

އައްޑޫ މަރަދޫގެ ތާރީހީ ބިނާއެެއް ކަމަށްވާ ބޮނޑޮގޭގައި ހުޅުވަން ނިންމި އާޓް ގެލެރީ ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ގާއިމުކުރި މި އާޓް ގެލެރީ ހުޅުވީ އެކަމަށް ހާއްސަކޮށްގެން މިދިޔަ 29 ވަނަ ދުވަހުގެ ރޭ ބޭއްވި ސަގާފީ ހަފުލާއެއްގަ އެވެ. އާޓް ގެލެރީ ހުޅުއްވައި ދެއްވީ މޭޔަރު އަލީ ނިޒާރެވެ.

އާޓް ގެލެރީ ހުޅުވީ ސްކޫލް ދަރިވަރުންތަކެއްގެ ކުރެހުންތަކެއް ހިމެނޭ އެގްޒިބިޝަނާ ވެސް އެކީގަ އެވެ. "އައްޑޫ ސިޓީގެ ސަގާފަތް، ތާރީޚް އަދި އާދަކާދަ" ތީމްގެ ދަށުން ކުރިއަށް ގެންދާ އެގްޒިބިޝަން މާދަމާ ހަމައަށް ކުރިއަށް ދާނެ އެވެ.

އާޓް ގެލެރީ ހުޅުވި ހަފުލާގައި ވަނީ ހުށަހެޅި ކުރެހުންތަކަށް ވަނަ ހޮވައި އެންމެ މޮޅު ތިން ކުރެހުމުގެ އެންމެ މޮޅު ސްކޫލްތަކަށް ވެސް އިނާމު ދީފަ އެވެ. އަށް ސްކޫލުން އެގްޒިބިޝަންގައި ބައިވެރިވި އެވެ.

މަރަދޫ ބޮޑުމަގުގައި ހުންނަ ބޮނޑޮގެ އަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1941 ގައި އައްޑޫގައި ތިބި އިނގިރޭސި ސިފައިން މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި ތާރީޚީ ބިނާއެކެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ރައްކާތެރިކަމާ އެކު ބެލެހެއްޓިފައިވާ އެންމެ ފުރިހަމަ ތާރީޚީ އިމާރާތް ކަމަށް ކައުންސިލުން ބުނެ އެވެ.

ބޮނޑޮގޭ ވަރަށް ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް އެކި ކަންކަމަށް ބޭނުން ހިފޭ ގޮތަށް އެތަން މަރާމާތުކޮށް ކައުންސިލުން އެތަން ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 11، 2016 ގަ އެވެ. އޭރު ތަން ހުޅުވައި އެކިއެކި ހަފުލާތައް ބޭއްވުމަށާއި ފިލްމު ދެއްކުން ފަދަ ކަންކަމަށް އިމާރާތް ކުއްޔަށް ދެމުން ގޮސްފައިވެ އެވެ.