މިފްކޯ އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގުހެޔޮ ކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ މަސްވެރިންނަށް ތެޔޮ އަގު ހެޔޮކުރުމުގެ ގޮތުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެފްއެސްއެމް އިން މިފްކޯ އަށް ދޫކުރާ ތެޔޮ އަގު ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެގޮތުން މި އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން މިފްކޯ އިން މަސްވެރިންނަށް ދޫކުރާ ތެޔޮ އަގު ހެޔޮ ކުރުމަށް ނިންމާފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ. އަގަށް ގެނައި ބަދަލުތަކުގެ ތެރޭގައި މިފްކޯ އަށް މަސްކިރާ ހުރިހާ ފަރާތްތަކަށް ތެޔޮ ވިއްކާނީ 13.90ރ. އަށެވެ. އަދި ތިން ޓަނަށް ވުރެ އިތުރަށް މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކާނީ 13.72ރ. އަށެވެ.
މީގެ އިތުރުން އާންމު ފަރާތްތަކަށް މިފްކޯއިން ތެޔޮ ވިއްކާ އަގު ވެސް ހެޔޮކޮށްފައިވެ އެވެ. އެގޮތުން އާންމު ފަރާތްތަކަށް ތެޔޮ ވިއްކާނީ 14.43ރ. އަށެވެ.