Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

'ހެޕީ ޕަޓޭލް' ޖެނުއަރީގައި

އާމިރު ޚާން ޕްރޮޑިއުސްކޮށްފައިވާ ފިލްމު "ހެޕީ ޕަޓޭލް: ހަތަރްނާކް ޖާސޫސް" އަންނަ މަހު ރިލީޒް ކުރަން ނިންމައިފި އެވެ.

އަންނަ މަހުގެ 16 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވ މި ފިލްމަކީ އެކްޓަރު އަދި ސްޓޭންޑަޕް ކޮމީޑިއަން ވީރް ދާސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ހެޕީ ޕަޓޭލް" އަންނަ މަހު ގެނެސްދޭނެކަން އާމިރުގެ ކުންފުނިން މިއަދ އިއުލާންކުރީ އެކަމަށް ހާއްސަކޮށްގެން އާންމުކުރި ވީޑިއޯ ކްލިޕަކާ ވެސް އެކީގަ އެވެ. އޭގައި އާމިރާ އެކު ވީރް ވެސް ފެނެ އެވެ.

"ހެޕީ ޕަޓޭލް" އަކީ އާމިރު ޕްރޮޑިއުސްކޮށް 2011 ގައި ގެނެސްދިން އެކްޝަން ކޮމެޑީ "ދިއްލީ ބެއްލީ" ގެ ރޯލެއް ކުޅުނު ވީރްގެ ފުރަތަމަ ޑައިރެކްޝަނެވެ. މީގެ ކާސްޓްގައި މޯނާ ސިންގް، ޝާރިބް ހާޝިމީ އަދި މިތިލާ ޕަލްކަރް ހިމެނެ އެވެ.

އާމިރުގެ ކުންފުނިން އަންނަ އަހަރު ގެެނެސްދޭ ފުރަތަމަ ފިލްމަކަށް "ހެޕީ ޕަޓޭލް" ހަމަޖެއްސި އިރު، އަންނަ އަހަރު އޭނަ ގެނެސްދޭނެ ފިލްމުތަކުގެ ތެރޭގައި ސަނީ ޑިއޯލްގެ "ލާހޯރް، 1947" އާއި ދަރިފުޅު ޖުނައިދު ޚާންގެ ތިން ވަނަ ފިލްމު ހިމެނެ އެވެ.

މި އަހަރު އާމިރު ޚާން ޕްރޮޑަކްޝަންސް އިން ގެނެސްދިން ފިލްމުތަކަކީ ޖުނައިދުގެ "ލަވްޔާޕާ" އާއި އާމިރުގެ "ސިތާރޭ ޒަމީން ޕަރް" އެވެ.