Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ފާސްކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން، ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރި ބިލުގައިވާ ގޮތުން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި މަސްތުވާތަކެތި އެތެރެކުރާ މައްސަލަތަކުގައި މަރުގެ އަދަބު ކަނޑައެޅޭނެ އެވެ.

އެ ބިލު ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ގާނޫނަށް ގެނައި ބަދަލުގައިވާ ގޮތުން ޑްރަގު އެތެރެކުރުމުން މަރުގެ އަދަބު ދެނީ، ތިން ހާލަތަކަށް ފެތޭ ބުރަދަން ހުރި މައްސަލަތަކުގަ އެވެ.

އެ ހާލަތްތަކަކީ:

* 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުން
* 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުން
* ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން

ގާނުނަށް ގެނައި ބަދަލުގައި ވަނީ މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ ކަމަށެވެ.

ޑްރަގު އެތެރެކުރާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100،000-10،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.