ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭ ނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ކުރިއަށް ގެންދާ 'ލޯކަލް ޕޮލިސިން ކޮންފަރެންސް' ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ އޭނަ ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ، ވަރަށް ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ ޚިދުމަތެއް ކަމަށެވެ.
އެހެންވެ، އެ މަގުސަދަށް މަސައްކަތް ނުކުރާ ނަމަ ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޒަމާންވި މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާއަށް ޒަމާނީ ބަދަލުތައް އަންނަން ފެށިތާ ވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރުވެއްޖެ ކަމަށެވެ.
އެހެންނަމަވެސް އެ ބަދަލުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ޤާނޫނުތަކަށާއި ރައްޔިތުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކްރައިމް އެންވަޔަރަމަންޓަށް އައިސްފަ އޮތް ބަދަލުތައްވެސް ވަރަށް ތަފާތު. މިހާރުގެ ޤާނޫނު ބުނާ ގޮތުން ކޮންމެ ސަރުކާރެއްގަވެސް ސްޓްރެޓެޖީކް ޕޮލިސިންގ ރިކުއަރމެންޓެއް އޮންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ. "އެ ޕޮލިސިން ރިކުއަމެންޓާ އެއްވަރަށް ފުލުހުންނަށް މަސައްކަތް ކުރަމުން ދެވޭތޯ ނުވަތަ ނުކުރެވޭތޯ އަޅުގަނޑުމެން މި ބެލީ. ބެލި އިރުގަ ފުލުހުންގެ މަސައްކަތެއް ސަރުކާރުން އަދި ފުލުހުން ގަބޫލުކުރާ ފެންވަރަށް އަދި ކުރިއަށް ނުގެންދެވޭ."
އޭނަ ވިދާޅުވީ މަސައްކަތް ކުރާނީ ހުރިހާ އެންމެ ޝާމިލްވުން ހިމެނޭހެން ކަމަށާއި މި ބައްދަލުވުންތަކުގަ މަޝްވަރާ ކުރާނީ އަސާސީ ގޮތުން ރަނގަޅު ކުރަން ހުރި ކަންކަމަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގަ ފުލުހުންގެ މުއައްސަސާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.
"ތަހުގީގުތައް އަވަސްވާން ޖެހޭނެ. މަގުމަތީގަ ފުލުހުންގެ ޕްރެޒެންސް ގިނަވާން ޖެހޭނެ. ފުލުހުންގެ އެންގޭޓްމަންޓް މިހާރަށް ވުރެ ގިނަވާން ޖެހޭނެ. ޖަވާބުދާރީވުންތައް މިހާރަށް ވުރެ ރަނގަޅުވާނެ ޖެހޭނެ،" އިހްސާން ވިދާޅުވި އެވެ. "މަގުމަތިން މިފެންނަ ކްރައިމްތައް މަދު ކަމުގެ އިހުސާސް ރައްޔިތުންނަށް ވާންޖެ ހޭނެ. އިދާރީ ބައިތައް މަދުވާން ޖެހޭނެ. މިއީ އަޅުގަނޑުމެންނަށް ފެންނާނެ ކަންކަމަކީ މުސްތަގުބަލުގައި."
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދާ 'ލޯކަލް ޕޮލިސިން ކޮންފަރެންސް" ގައި ފުލުހުންގެ ހުރިހާ ބަހާއެއް ހިމެނޭ ގޮތަށް 170 ބައިވެރިން ހިމެނެ އެވެ.