Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ބޮޑެތި ޖޫރިމަނާތައް ހިމެނޭ ޖަނަވާރާ ބެހޭ ބިލު ތަސްދީގުކޮށްފި

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު" ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ބިލުގައި ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި މި ގާނޫނާ ޚިލާފުވެއްޖެނަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ހިމަނާފައިވެ އެވެ.

އެގޮތުން ޖަނަވާރުގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓު ކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.

އަދި ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ބިލުގައިވެ އެވެ.

ހަމައެހެންމެ ޖަނަވާރަކަށް އަނިޔާއެއް ދިނުމާއި އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް މި ބިލުގައި ބުނެފައިވެ އެވެ.

މި ބިލުގެ ދަށުން ރާއްޖެއަށް ގެނެސް ގެންގުޅޭ ޖަނަވާރުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށްޓަކައި ޖަނަވާރަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ކަނޑައަޅާފައިވެ އެވެ.