މިއަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ 300 މީހަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ، ނުކުޅެދުންތެރިކަން ދުރާލާ ދެނެގަތުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ މައްޗަށް ކަމަށެވެ.
މިގޮތުން، މި އަހަރު އެކަނިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 300 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދެވިފައިވާ ކަމަށާއި މިއީ އެފަރާތްތަކުގެ އިޤްތިޞާދީ ފުދުންތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިޢާރު ބިނާކޮށްފައިވަނީ، އިޖުތިމާޢީ ކުރިއެރުން ހޯދުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމަޢުތައް ބިނާކުރުމުގެ މައްޗަށެވެ. މިކަމުން ރަމްޒުކޮށްދެނީ މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގައިވެސް އެފަރާތްތައް ޝާމިލުކޮށް، އެކަމަކަށް އިޖާބަދޭ މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަން ކަމަށް ރައީސް ވިދާޅުވި އެވެ.
މި މަސައްކަތުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވަނީ، ޚިދުމަތްތައް ހޯދުމާއި، ޢާންމު ތަންތަނަށް ވަދެނިކުމެއުޅުމުގައި ހުރި ދަތިތަކާއި، މަޢުލޫމާތު ލިބިގަތުމުގައި ހުރި ހުރަސްތައް ނައްތާލުމަކީ، އިތުރު މަސައްކަތްތަކެއް ކުރުން މުހިންމު ދާއިރާތަކެއްކަން ފާހަގަކުރައްވާފަ އެވެ. އަދި މިފަދަ ހުރަސްތައް ގިރާކޮށް، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 3 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައިވެސް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއަރުވައި، އެފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.