Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ގައުމަށް ރާއްޖޭގެ ފަރާތުން ފޯރުކޮށްދިން އެހީއަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ޝުކުރު އަދާކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލަންކާގެ ރައީސް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ހިތްހެޔޮ މެސެޖަށްޓަކައި އަދި ލަންކާއަށް ރާއްޖޭގެ ފަރާތުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. ރާއްޖެއިން ދެއްކި އެއްބައިވަންތަކަމަކީ، ލަންކާ ރައްޔިތުންނަށް ނުހަނު ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔަ ކަމެއް ކަމަށާއި އަދި އެއީ ދެ ގައުމުގެ ގުޅުމުގެ ބާރުހުރިކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ލަންކާއަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ 50،000 ޑޮލަރު ހަދިޔާކޮށްފަ އެވެ. އަދި 25،000 މަސްދަޅު އެހީގެ ގޮތުގައި ފޮނުވުމަށް ވެސް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އަދި ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ލަންކާއަށް އެހީވުމަށް ޓެލެތޯނެއް ބޭއްވިއިރު، އެ ޓެލެތޯނަށް ވަނީ 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ. މި އެހީ ލަންކާއަށް ފޯރުކޮށްދޭން މިހާރު ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އިން ލަންކާ އަށް ދޭން ނިންމި އެހީ އިން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ. އަދި ރާއްޖެއިން އުއްމީދު ކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ލަންކާ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބި، އެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ މައްޗަށް އަރައިފަ އެވެ.