Last Updated: June 18, 18:19
Thursday, June 18, 2026
ޚަބަރު

ގަމުގެ ބޮޑު ބަޔަކަށް މިރޭ ކަރަންޓް ދޭން މަސައްކަތް ކުރަނީ

އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކަރަންޓު ކެނޑިފައިވާ ލ. ގަމުގެ ބޮޑު ބަޔަކަށް މިރޭ ކަރަންޓް ދެވޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑިފައިވާތީ މި ދަނޑިވަޅުގައި މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަށް ރައްޔިތުންނަށް ކަރަންޓް ދިނުމަށް ކަަމަށެވެ.

މިގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މިރޭގެ ވަގުތެއްގައި ރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ދެވޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށް ފެނަކަ އިން ބުންޏެވެ.

"މި ހާދިސާގައި އަލިފާން ރޯވެފަފައި ވަނީ އެރަށުގެ ދެ އެނެކްސްގެ ތެރެއިން އެނެކްސް އެކެއްގައެވެ. އެނެކްސް ދެއަކަށް އަލިފާނުގެ އަސަރުކޮށްފައިނުވާ ކަމުގައި ދަންނަވަމެވެ،". ފެނަކައިގެ ބަޔާނުގައިވެ އެވެ.

އަދި މި ހާދިސާއާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން (ވިޝުއަލް އިންސްޕެކްޝަން) އިން ފާހަވެފައިވާ ގޮތުން، ގެއްލުން ވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށް ކަމަށްވެސް ފެނަކަ އިން ބުންޏެވެ. އަދި މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

ފެނަކައިން ބުނީ މިހާރު އެރަަށަށް ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމްތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށްވެސް ފެނަކަ އިން ބުނެފައިވެ އެވެ.