Last Updated: July 7, 13:19
Tuesday, July 7, 2026
ކުޅިވަރު

އާސެނަލް މޮޅު، ލިވަޕޫލް އެއްވަރު، ޗެލްސީ ބަލި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 2-0 އިން ބްރެންޓްފޯޑް ބަލިކުރިއިރު، ލިވަޕޫލް އާއި ސަންޑަލޭންޑް 1-1 އިން އެއްވަރުވެ، ލީޑްސް ޔުނައިޓެޑް އަތުން 3-1 އިން ޗެލްސީ ބަލިވެއްޖެ އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 14 މެޗުން 33 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 14 މެޗުން 28 ޕޮއިންޓު ހޯދައިގެން މެންޗެސްޓާ ސިޓީ އޮތްއިރު، ތިންވަނައިގައި 14 މެޗުން 27 ޕޮއިންޓާއެކު އެސްޓަން ވިލާ އަދި ހަތަރުވަނައިގައި ޗެލްސީ އޮތީ 14 މެޗުން 24 ޕޮއިންޓާއެކު އެވެ. ލިވަޕޫލް އޮތީ 14 މެޗުން ލިބުނު 22 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލު މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިކޭލް މެރީނޯ އެވެ. ލީޑު ފުޅާކުރާނެ އިތުރު ފުރުސަތުތަކެއް އާސެނަލުން ތަނަވަސްކުރިއިރު، މި މެޗުގައި އާސެނަލްގެ ދެވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ.

ލިވަޕޫލް އަމިއްލަ ދަނޑުގައި އެއްވަރުވި މެޗުގައި ފުރަތަމަ ގޯލު ކާމިޔާބުކުރީ ސަންޑަލޭންޑުންނެވެ. މެޗުގެ 67 ވަނަ މިނެޓްގައި ޗެމްސްޑީން ޓަލްބީ ޖެހި ގޯލުން ސަންޑަލޭންޑް މޮޅުވާން ދަނިކޮށް، މެޗުގެ 81 ވަނަ މިނެޓްގައި ލިވަޕޫލުން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ސަންޑަލޭންޑްގެ ނޯޑީ މުކިއޭލޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ލީގުގެ 17 ވަނައިގައި އޮތް ލީޑްސް އިން ޗެލްސީ ބަލިކުރި މެޗުގެ ފުރަތަމަ ހާފުގައި ލީޑްސް އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މި ދެ ގޯލު ލީޑްސް އަށް ކާމިޔާބުކޮށްދިނީ ޖަކާ ބިހޯލް އާއި އައޯ ޓަނާކާ އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ޕެޑްރޯ ނެޓޯ ޗެލްސީއަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް މެޗުގެ 72 ވަނަ މިނެޓްގައި ޑޮމިނިކް ކަލްވާޓް ލެވިން ވަނީ ލީޑްސްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު މި މެޗުން ކަށަވަރުކޮށްދީފަ އެވެ.