ވަޒީފާގެ ރައްކާތެރިކަމެއް އެއްވެސް މުވައްޒަފަކަށް މިއަދު ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވީ ގއ. ގެމަނަފުށީ ސްކޫލުގައި އަމާނުالله އަދާކުރަމުންދިޔަ ވަޒީފާ ގދ. ވާދޫ ޖަމާލުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިއީ އަމާނުﷲ އަށް ސަރުކާރުން ދިން ބޮޑު އަނިޔާއެއް ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީން ބޭއިންސާފުން އަޅާ މިފަދަ ފިޔަވަޅުތަކަކީ ވަޒީފާގެ ރައްކާތެރިކަމެއް މިއަދު އެއްވެސް މުވައްޒަފަކަށް ނެތްކަން ސާފުވާ ކަމެއް ކަމަށެވެ.
"ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލަކުން އެއްވެސް މީހެއްގެ ވަޒީފާއަށް ބަދަލެއް ގެނެވިގެން ނުވާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ މިނިސްޓްރީތައް މެދުވެރިކޮށް ސިޔާސީ ގޮތުން ނުފޫޒާއި ބިރު ދެއްކުމުގެ ސިޔާސަތު އަލުން އިއާދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.