Last Updated: June 6, 09:42
Saturday, June 6, 2026
ޚަބަރު

ޒަކާތުގެ ގާނޫނަކީ ވަރަށް ބޮޑު ކުރިއެރުމެއް: ޝަހީމު

އިސްލާމީ ފިޤުހުގެ އުޞޫލުތަކުގެ އަލީގައި ހަރުދަނާ ގޮތެއްގެ މަތިން އިތުބާރާއި އަމާނާތްތެރިކަމާ އެކު ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުވުމަކީ މި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅެއްކަމަށް އިސްލާމިކް މިނިސްޓަރު ކަޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައެޅި ޒަކާތު ބިލު އިއްޔެ ފާސްކުރުމާ ގުޅިގެން މިނިސްޓަރު ވަނީ މިކަމުގެ ޝުކުރު ރައީސް ޑރ މުޙައްމަދު މުޢިއްޒަށް އަދާކުރައްވައިފަ އެވެ.
.
"އަޅުގަނޑުގެ ދުއާއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުން. ރާއްޖޭގެ ޒަކާތުގެ ޤާނޫނު ބިނާވެފައިވަނީ އިސްލާމީ ފިޤުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށް." ޝަހީމު ވިދާޅުވި އެވެ.

ޒަކާތުގެ ބިލަމަކީ އިސްލާމް ދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އުކުލަވާލާފައިވާ ބިލެކެވެ. އަދި ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި އެ ފައިސާ ބޭނުންކުރުމާ ގުޅޭ ޢާންމު އުޞޫލުތައް ކަނޑައެޅުމަކީ އޭގެ މަގުސަދަކެވެ.

ޒަކާތުގެ ބިލުގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސު އެކުލަވާލަންވާ ނެކަމަށް ބަޔާންކޮށްފައިވެ އެވެ. އެ ކައުންސިލްގައި މިނިސްޓަރާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލާއި ރައީސް އައްޔަންކުރައްވާ ދެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތުން ޖުމްލަ 9 މެންބަރުން ތިއްބަވާނެ އެވެ.

ހަމައެއާއެކު ޒަކާތުގެ ބިލް ތަސްދީގުކޮށް ގާނޫނަކަށްވެ، ޢަމަލުކުރަން ފެށުމާއެކު ޒަކާތާ ބެހޭ ޝަރުޢީ އެޑްވައިޒަރީ ކޮމިޓީއެއް ވެސް އުފެދޭނެއެވެ. އެ ގޮތުން ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް މިނިސްޓަރުގެ ލަފާގެ މަތިން ރައީސް އެކުލަވާލައްވާނެ އެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމި ހަރުދަނާ ކުރަން މި ސަކާރުން އުފެއްދި ޒަކާތު ހައުސް އިފުތިހާހުކޮށްފައި ވަނީ މިދިިޔަ އަހަރުގެ ޖެނުއަރީ 2 ގަ އެވެ.