ހުޅުމާލޭގެ މަގުތަަކެއް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ އެވެ.
އެޗްޑީސިން ބުނީ އެ ކުންފުންޏާ އެކު އިއްޔެ ހެދި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ މަގުތައް ހެދުމުގެ އިތުރުން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެ ކަމަށެވެ. އަދި މިއީ، ހުޅުމާލޭގެ އިންފްރާސްޓްރަކްޗާގެ ކޮލިޓީ ރަނގަޅުކުރަން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް މި މަޝްރޫއާ ބެހޭ އިތުރު އެއްވެސް ތަފުސީލުތަކެއް އެޗްޑީސީން ހާމައެއް ނުކުރެ އެވެ.
ހުޅުމާލޭގެ މަގުތަކެއް ހަދަން ހަވާލުކުރި ކުންފުންޏަކީ މިދިޔަ އަހަރުގެ ތެރޭގައި ހުޅުމާލޭގައި ސްމާޓް ވެއާހައުސް ކޮމްޕްލެކްސް އާއި އޭގެ ފަހުން ޗިލްޑްރަންސް ސެންޓަރާއި މާލޭގައި ތަރައްގީކުރާ ސާފިން ސްޓޭޑިއަމް ވެސް ތަރައްގީކުރަން ހަވާލުކުރި ކުންފުންޏެވެ.
ދެވަނަ ފިޔަވަހީގައި ހުންނަ، އަދި މިހާރު މަސައްކަތް ނިމުމަކާ ގާތްވެފައިވާ "ކޯ-ލިވިން" އިމާރާތް ވެސް ތަރައްގީ ކުރަނީ މި ކުންފުނިންނެވެ.
ހުޅުމާލޭގެ މަގުތައް އެންމެ ފުރަތަމަ ހެދީ ތައިލެންޑުގެ ޕްރަކްސާ ކުންފުނިންނެވެ. ބާކީ ހުރި މަގުތަކުގެ ތެރެއިން ގިނަ މަގުތައް ހެދީ އިންޑިއާގެ މޯހަން މުތާ ކުންފުނިންނެވެ. އަދި އެންމެ ފަހުން ހުޅުމާލޭގެ ދެ ފޭހުގެގެ މަގުތަކެއްތަރައްގީކުރީ ވެސް އެ ކުންފުނިންނެވެ.