ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ރާޖް މެހެތާ ޑައިރެކްޓްކުރާ ހަތަރު ވަނަ ފިލްމު "ލަގް ޖާ ގަލޭ" ގެ ޝޫޓިން ހަފުތާ ބަންދުގައި ފަށަން ނިންމައިފި އެވެ.
މީޑިއާތަކުން ބުނީ އަންނަ ހޮނިހިރު ދުވަހު މި އެކްޝަން ފިލްމުގެ ޝޫޓިން އަންނަ ހޮނިހިރު ދުވަހު ފެށުމަަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެފައިވާ ކަމަށެވެ. "ލަގް ޖާ ގަލޭ" ލީޑް ކާސްޓުންނަކީ ޓައިގާ ޝްރޮފާއި ޖާންވީ ކަޕޫރްގެ އިތުރުން ލަކްޝް ލަލްވާނީ އެވެ.
ދަރުމާގެ އެކްޝަން ފިލްމު "ކިލް" އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވު ލަކްޝް ދާދި ފަހުން ވެސް ވަނީ ދަރުމާގެ އެހެން ފިލްމެއްގެ މަސައްކަތް ނިންމައިފަ އެވެ. އެއީ ވިވެކް ސޯނީ ޑައިރެކްޓްކޮށް، އަނަންޔާ ޕާންޑޭ ބަތަލާގެ ރޯލު ކުޅުނު ލޯބީގެ ފިލްމު "ޗާންދު މޭރާ ދިލް" އެވެ.
ލަކްޝް އެންމެ ފަހުން ފެނިފައި ވަނީ ނެޓްފްލިކްސްގެ ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" އިންނެވެ.
"ލަގް ޖާ ގަލޭ" އަކީ ދަރުމާގެ 2019 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ 2" އަށް ފަހު އެ ސްޓޫޑިއޯއެއް ޓައިގާ ކުޅޭ ފުރަތަމަ ފަހަރެވެ. ދަރްމާގެ 2018 ގެ "ދަޅަކް" އިިން ތައާރަފުވި ޖާންވީ އެ ސްޓޫޑިއޯ އަށް އެންމެ ފަހުން ކުޅުނު ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކުރި "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އެވެ.
"ލަގް ޖާ ގަލޭ" އަކީ މީގެ ޑައިރެކްޓަރު ރާޖްގެ ފުރަތަމަ އެކްޝަން ފިލްމެވެ. އޭނަ ކުރިން ގެނެސްދިން ފިލްމުތަކަކީ 2019 ގެ "ގުޑް ނިއުސް" އާއި 2022 ގެ "ޖުގް ޖުގް ޖިއޯ" ގެ އިތުރުން 2023 ގެ "ސެލްފީ" އެވެ.
މީޑިއާތަކުން ބުނީ "ލަގް ޖާ ގަލޭ" ގެ ޝޫޓިން ހޮނިހިރު ދުވަހު ފަށައި، 20 ދުވަހުގެ ތެރޭގައި ފުރަތަމަ ޝެޑިއުލް ނިންމާނެ ކަމަށެވެ. އޭގެ ފަހުން ރަސްމީކޮށް ދަރްމާ އިން ފިލްމު އިއުލާން ވެސް ކުރާނެ ކަމަށެވެ.