Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކަށް ގަފޫރުގެ ނަން

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލްގަފޫރު މޫސާ ނަން ހުށައަޅައިފި އެވެ.

އޭނަ ނަން ހުށަހެޅީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރާ ފެކްޝަނުންނެވެ. ގަފޫރަށް ތާއީދުކުރައްވާކަން އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވެފައިވެ އެވެ.

ފައްޔާޒޫ ވަނީ ގައުމީ މަޖިލިހުގެ ޖަލްސާއެއް ވެސް ވީ އެންމެ އަވަހަކަށް ބާއްވައި ދޭން އެދިފަ އެވެ.

ރާއްޖޭގެ އެެންމެ ބޮޑު އިދިކޮޅު ޕާޓީގެ ވަގުތީ ޗެއާޕާސަން ހޮވަން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސަަގައި ފައްޔާޒު ތާއީދު ކުރެއްވީ ރައީސް މުހައްމަ ނަޝީދުގެ ފެކްޝަނުން ހުށައެޅި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދު ﷲ ވަހީދަށެވެ.

އޭނަ ހޮވަން ގައުމީ ގައުމީ މަޖިލީހުގައި ވޯޓް މިދިޔަ ހުކުރު ދުވަހުގެ ރޭ ނެގި ނަމަވެސް ގައުމީ މަޖިލީހުގައި މެމްބަރުންގެ އަޑުގަދަވެ ގޮތެއް ނިންމިފައެއް ނުވެ އެވެ.

އެރޭގެ ގައުމީ މަޖިލީހުގައި ކަން ހިނގައިދިޔަ ގޮތުގެ ހުލާސާ ރިޕޯޓެއް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ މުހައްމަދު ވަހީދު އެކުލަވާލާފައިވެ އެވެ. އޭގައި ބުނެފައި ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުން ކުރިއަށް ގެންދިޔުމުގެ މާހައުލު ނެތިގެން ބައްދަލުވުން މެދުކަނޑާލުމަށް ފަހު އިތުރަށް ބެލި ބެލުމުން ފާހަގަވީ ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވަގުތީ ޗެއާޕާސަންގެ މަގާމަށް އިންތިހާބު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 49 މެމްބަރުން ކަމެވެ. ނަމަވެސް ފަހުން އެއް މެންބަރަކު ރިޖެކްޓް ކުރިކަމަށް ބުނާތީ އެވޯޓު އުނިކުރުމުން ދިއްދޫ ދާއިރާ ރައީސް ވަހީދު ވަގުތީ ޗެއާޕާސަން ކަމަށް އިންތިހާބުކުރުމަށް 48 ވޯޓު ލިބިފައިވާ ކަމަށް ބުންޏެވެ.

އަދި ވޯޓް ރިޖެޓް ކުރި މެމްބަރާ އެކު ބައްދަލވުމުގައި ވޯޓްގައި ބައިވެރި ނުވެ ތިބީ 47 މެމްބަރުންކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ކަމަށް ޝައުގުވެރިވާ ބޭފުޅުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހިމެނެ އެވެ.