Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

ހާލިދާ އަށް 'ގައުމީ ފެންވަރުގައި ހާއްސަ ދުއާއެއް'!

އައިސީޔޫގައި ފަރުވާ ދެމުން އަންނަ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާ އަށް އަަވަސް ޝިފާއަކަށް ހެދި މާދަމާ ހުކުރު ނަމާދަށް ފަހު "ގައުމީ ފެންވަރުގައ ދުއާއެއް" ކުރަން އެ ގައުމުގެ ވަގުތީ ސަރުކާރުން ނިންމައިފި އެވެ.

ބަންގްލަދޭޝްގެ ސަރުކާރުގެ ޕްރެސް ވިންގުން މިއަދު ބުނީ މާދަމާގެ ހުކުރު ނަމާދަށް ފަހު ހުރިހާ މިސްކިތެއްގައި ހާލިދާ އަށް އަވަސް ޝިފާއަކަށް ހެދި ހާއްސަ ދުއާއެއް ކުރުން އޮންނާނެ ކަމަށެވެ. އަދި އެ ގައުމުގައި އުޅޭ އެހެން ދީންތަކުގެ މީހުން ވެސް އެ މީހުން ޖަމާއަތް ހަދައިގެން ބާއްވާ ދީނީ ހަރަކާތްތަކުގައި ހާލިދާ އަށް ހެޔޮ ދުއާކޮށް ދޭން އެދިފައިވެ އެވެ.

ޑާކާގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ "އެވަކެއާ ހޮސްޕިޓަލް" ގައި ހާލިދާ އެޑްމިޓް ފަރުވާ ދެމުން އަންނަނީ މިދިޔަ މަހުގެ 23 އިން ފެށިގެންނެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހާލިދާ އަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ހާއްސަކޮށްގެން އިނގިރޭސިވިލާތާއި ޗައިނާ ސްޕެޝަލިސްޓް މެޑިކަލް ޓީމެއް ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހާލިދާ ޒިއާގެ ހާލު ބައްލަވާލައްވަން ބަންގްލަދޭޝްގެ މިހާރުގެ ލީޑަރު މުހައްމަދު ޔޫނުސް ވެސް ރޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައިވެ އެވެ.

ހާލިދާ އަށް އަވަސް ޝިފާއަކަށް ހެދި އޭނަގެ ޕާޓީ، ބީއެންޕީން ވެސް މިއަދު ހާއްސަ ހަރަކާތްތަކެއް ބާއްވަމުންނެވެ.

ހާލިދާ ޒިއާ، 80، އަކީ ބަންގްލަދޭޝްގެ އެންމެ ނުފޫޒު ގަދަ އެއް ސިޔާސީ ލީޑަރެވެ. އޭނަ އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވީ 2001-2006 އަށެވެ. އަދި ހާލިދާ އަކީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ.

އޭނަގެ ސިއްހީ ހާލު ދެރަވެ، ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ދާދި ފަހުން ވަނީ އަންނަ އަހަރު ބާއްވާ އާންމު އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.