Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ޑުރަގު ވިޔަފާރި ކުރާ މީހުންނަށް ރަހުމެއް ނޯންނާނެ

ހޯމް މިނިސްޓަރު އަލީ އިހުސާން

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ރަހުމެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިހެން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އޮޕަރޭޝަން އަލިމަގު ގައި ރޭ އައްޑޫ ސިޓީ ގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯކެއްގެ އިސްފަރާތްތަކެއް ފުލުހުން ހައްޔަރުކުރުމާ ގުޅިގެންނެވެ.

އިހުސާން ވިދާޅުވީ މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާޗް މަހުން ފެށިގެން ކަމަށެވެ. މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށާއި އަދި
ފާއިތުވި ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ހިންގަމުންދާ މި ޚާއްސަ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ވަކިން ޓާގޭޓްކުރެވިގެންދާނެ ކަމަށެވެ.

"ރާއްޖޭގައި މި ވިޔަފާރިކުރާ ފަރާތްތަކަށް މިކަން ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީ ނަސޭހަތްތެރިވަން. ފުލުހުންގެ ތަހުގީގު އެމީހަކާ ހިސާބަށް ފޯރުމުން އެކަކަށްވެސް އިތުރު ރަހުމެއް ހަމްދަރުދީ އެއް އިސްތިސްނާއެއް ނޯންނާނެ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވަނީ މިކަމުގައި ހަމައެކަނި އޮންނާނީ ހަރުކަށި ޤާނޫނީ ފިޔަވަޅު އެޅުން ކަމަށްވެސް ވިދާޅުވެފަ އެވެ.