Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

މެޑިކަލް ވޭސްޓް ނައްތާލާ ފެސިލިޓީއެއް ދިއްފުށީގައި

ކ. ދިއްފުށިގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފި އެވެ.

މިއީ ޖަޕާން ސަރުކާރުން ފައިސާގެ އެހީގައި ޔޫއެންޑީޕީ އިން 2022 އިން 2025 އަށް ހިންގަމުންދާ 4.4 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ، އިންސާނުންނާއި ތިމާވެށީގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ސިއްހީ ދާއިރާގެ ކުނި މެނޭޖްކުރުން ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްޚީ ދާއިރާގެ ކުނިމެނޭޖް ކުރުމަށް ޙާއްސަ ކުރެވިފައިވާ ޢިމާރާތްތަކާއި، ސާފު ހަކަތައިގެ އުޅަނދުތަކާއި، ރައްކާތެރިކަމާއިއެކު ކުނި ނައްތާލުމުގައި ބޭނުންކުރާ ތަކެތި ރަސްމީކޮށް ވަނީ ހަވާލުކޮށްފަ އެވެ.

ދިއްފުށި ސިއްޙީ މަރުކަޒުގައި ގާއިމް ކުރެވުނު މި ފެސިލިޓީއާ އެކު، މުޅި ރާއްޖޭގައި 21 ސިއްޙީ ކުނި މެނޭޖްކުރާ ފެސިލިޓީ މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

އަދި ޑަބްލިޔުއެޗްއޯ އާ ގުޅިގެން 656 ސިއްޙީ މަސައްކަތްތެރިންނަށް ރައްކާތެރި ގޮތުގައި ސިއްޙީ ދާއިރާގެ ކުނި މެނޭޖް ކުރާނެގޮތުގެ ތަމްރީނު ދެވިފައިވާއިރު،
ކުނި މެނޭޖްކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށް 270 ކޮމްޕިއުޓަރު ސިސްޓަމާއި 40 ނެޓްވޯކް ސްވިޗް ހިމެނޭހެން ޑިޖިޓަލް އަޕްގްރޭޑްތައް ފޯރުކޮށްދީފައިވެ އެވެ.