Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ކައުންސިލް އިންތިހާބު އޭޕްރީލް 4 ގައި ބާއްވަން ނިންމައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަންނަ އަހަރުގެ އެޕްރީލް 4 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބުކުރެވޭނެ ކަމަށެވެ.

އެގޮތުން މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް މިހާރު ވަނީ އިޢުލާނުކޮށްފަ އެވެ. އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަހުގެ 21 ވަނަ ދުވަހުގެ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް ވަނީ ޢިއުލާންކޮށްފަ އެވެ.

މި މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ އެވެ. އިންތިޚާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެ އެވެ.