އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް އެ ޕާޓީގެ ގައުމީ މަޖިލިސް އަންނަ ހޯމަދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާ ހޮވަން އެޕާޓީ ގައުމީ މަޖިލިސް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާއިރު އެ މަގާމަށް ކުރިމަތިލާފައިވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އެކަންޏެވެ. ގަޕޯ އަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފެކްޝަނަށް ނިސްބަތްވާ ބޭފުޅެކެވެ.
ގަފޫރަށް ތާއީދުކުރައްވާކަން އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒު ވަނީ ހާމަކުރައްވާފަ އެވެ.
ވަގުތީ ޗެއާޕާސަން އަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދު ﷲ ވަހީދު ހޮވަން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި މެމްބަރުންގެ އަޑުގަދަވެ ގޮތެއް ނުނިންމި ވަނީ ޖަލްސާ ނިންމާލާފަ އެވެ.