ހޯމްގާޑްނިން ނުވަތަ ގޯތިތެރޭ ގަސް ހެއްދުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ. އަދި ޒަމާނުއްސުރެ ދިވެހިންގެ ގިނަ ބަޔަކު ކުރަމުންއަންނަ ފައިދާހުރި މަސައްކަތެކެވެ. މިގޮތުން އާމްދަނީ ހޯދުމަށާއި އާއިލާގެ ބޭނުންތަކަށް ގޯތިތެރޭގައި ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހައްދަ އެވެ.
މިހާރަކަށް އައިސް އިޖްތިމާޢީ، ސިނާޢީ މަސައްކަތްތަކަށާއި ގެދޮރު ބިނާކުރުންފަދަ އިންސާނީ ބޭނުންތަކަށް ރާއްޖޭގެ ބިމުގެ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން ދިއުމާއި ގުޅިގެން ދަނޑުވެރިކަންކުރާނެ ބިން ލިބުމުގެ ދަތިކަން ވެސް މިހާ ރުދަނީ އިތުރުވަމުންނެވެ. އަދި ކަބޯތަކެއްޗާއި އެހެނިހެން ތަކެތީގެ އަގު އެއްދުވަހުން އަނެއްދުވަހަށް ދަނީ ބޮޑުވަމުންނެވެ.
އެހެންކަމުން މިފަދަ ދުވަސްވަރެއްގައި ޚަރަދު ކުޑަކުރެއްވެން އޮތް ހުރިހާ ކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން ގޯތިތެރޭ އޮންނަ ހުސް ބިންކޮޅުގައި ބޭނުންތެރި، ކާބޯތަކެތިއަޅާ ގަހެއް ނުވަތަ ގަސްތަކެއް ހައްދާލެވިއްޖެ ނަމަ އެއީ އާއިލާގެ ޚަރަދުކުޑަވެ ދުޅަހެޔޮކަން އިތުރު ކުރުމަށް އެޅޭ ވަރަށް ބޭނުންތެރި ފިޔަވަޅެކެވެ
ގޯތިތެރޭގައި ގަސް އިންދުމުގެ މުހިއްމު ބައެއް ފައިދާތައް:
* އާއިލާ އަށް ބޭނުންވާ ތަރުކާރިއާއި މޭވާ ތާޒާކަމާއެކު އަތްފޯރާފަށުގައި ލިބެންހުރުން
* ފައިދާހުރި ކާނާ ބޭނުންކުރުމުގެ ސަބަބުން އާއިލާގެ ދުޅަހެޔޮކަން އިތުރުވުން
* އާއިލާގެ ޚަރަދު ކުޑަވުން
* ކެމިކަލްފްރީ ކާބޯތަކެތި ބޭނުން ކުރެވޭކަމުގެ ޔަގީންކަން އޮތުން
* އަނބު، ޖަންބު އަދި ބިލެތްފަދަ ބާވަތްތައް ގޯތިތެރޭގައި ހައްދާފައި ހުރިނަމަ އާމްދަނީ ބޮޑަށް އިތުރުވުމުގެ ވަސީލަތަކަށްވުން
* ގޯތިތެރޭގައި ބޮޑެތި ގަސްތައް ހުރިނަމަ ހިރަފުހުން ލިބޭ ގެއްލުން ކުޑަވެ ހިޔާލިބުން
* ހުރިހާ އުމުރެއްގެ މީހުން ވެސް ގަސް ހެއްދުމުގެ ޝައުގުވެރިވެ އެކަމަށް އަހުލުވެރިވުން
ގޯތިތެރޭގައި އޮންނަ ހުސް ބިންކޮޅުގައި ގަސް ހައްދާނީ ކިހިނެއް؟
ގޯތި ތެރޭގައި އޮންނަ ބިމުގެ ޖާގަ ބޮޑުނަމަ ބިން އޮތް ނިސްބަތަކުން ތަރުކާރީއާއި މެވާގަސް އިންދިދާނެ އެވެ. މިގޮތުން އަނބު، ޖަންބު، ޖަބުރޯލް، ފޭރު، ފަޅޯ ފަދަ މޭވާ ގަސްގަހާއި، މިރުސް، ބަށި، ޓޮމާޓޯ، ކިއުކަމްބާ، ކޮޕީ ފަދަ ތަރުކާރީގެ ބާވަތްތައް އިންދިދާނެއެވެ. ތަރުކާރީގެ ބާވަތްތައް ފަސްގަނޑުޖަހާ ބެޑްހަދައިގެން ބެޑްގައި ނުވަތަ ވަޅުގަނޑު ތައްޔާރުކޮށް ވަޅުގަނޑުގައި ނުވަތަ ޕޮޓުގައިވެސް ހެއްދިދާނެ އެވެ. ނުވަތަ ޕޮޓްގައިވެސް އިންދިދާނެ އެވެ. ގޯތިތެރޭ ބިންކޮޅު ކުޑަ ނަމަ ޕޮޓްގައި ވެސް ތަރުކާރީގެ ބާވަތްތައް ހައްދާލެވިދާނެ އެވެ.
ގޯތިތެރޭގައި ގަސް ހެއްދުމަށް ޝައުގުވެރިވާ ފަރާތްތައްތަކުން ގޯތީގައި އިމާރާތެއް ހަދާއިރު ގިނައިން ގަސް އެއްދުމަށް ޖާގަ ލިބޭ ގޮތަށް ގޯތި ޑިޒައިންކޮށްފައި އިމާރާތްތައް ހެދުމަކީ ބޭނުންތެރި ކެމެކެވެ.

ބޮޑެތި މޭވާ އަޅާގަސް ހުރި ކުރީގެ ގޯއްޗެއްގައި ތަރުކާރީ އިންދަން ބޭނުންވާ ޖާގަ މާ ކުޑަ ނަމަ ބޮޑެތި ގަސްގަހުގެ ދުވަސްވީ ގޮފިތައް ކޮށައި ތަރުކާރީ ހައްދާ ބިންކޮޅަށް އަވި ލިބޭ ގޮތަށް ޖާގަ ބޮޑު ކުރަން ވާނެ އެވެ.
ގޯތިތެރޭގައި ގަސް ހައްދާ އިރު އެއްވެސްގޮތަކުން ޕޮޓަށްއަޅާ ރަނގަޅު ކަޅުފަަސް ނުލިބިއްޖެ ނަމަ ޕޮޓަށް ބޮނބިކުޑި އަޅައި އަލްބާޓް ސޮލިއުޝަންފަދަ ސޮލިއުޝަނެއް ދީގެން ނުވަތަ ފާޓިގޭޝަން ސިސްޓަމެއްގައި ބައެއް ތަރުކާރީގެ ބާވަތްތައް ފަސޭހަކަމާއެކު ހައްދާލެވިދާނެއެވެ. ނުވަތަ ހައިޑްރޮޮޕޮނިކްސް ހޮޅި ސިސްޓަމެއްގައި ލެޓިއުސް، ޓޮމާޓޯ، ކިއުކަމްބާފަދަ ބާވަތްތައް ހައްދާލެވިދާނެއެވެ. ގޯތިތެރޭގަސް ހެއްދުމުގައި ގަސްތަކަށް ފަސޭހައިން ފެންދެވޭނެގޮތް އިންތިޒާމުކުރެވިފައި ހުރުމަކީ ވަރަށް މުހިންމުކަމެކެވެ.
ގޯތިތެރޭގައި ގަސް ހެއްދުމުގައި ގަސްއިންދާ ވަޅުގަނޑާއި ބެޑް އަދި ޕޮޓް ތައްޔާރު ކުރުމުގަ އާއި ކާނާ އެޅުމުގައި މާބޮޑު ތަފާތެއް ނޯވެއެވެ. ނަމަވެސް ގޯތިތެރޭގައި ގަސްހެއްދުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ ކާދުފަދަ އޯގަނިކް ގަސްކާނާ އާއި ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ބަޔޯޕެސްޓިސައިޑްސް އެވެ.
މީހުންނާއި ކުޑަކުދިން ދިރިއުޅޭ ތަނެއްގައި ހައްދާ ގަސްތަކަށް ކެމިކަލް ޕެސްޓިސައިޑްސް އާއި ކެމިކަލް ގަސްކާނާ ބޭނުން ކުރުމަކީ މާރައްކާތެރި ކަމެއް ނޫނެވެ. މިފަދަ ބޭހެއް ބޭނުން ކުރާ ނަމަ ބޭނުންކުރަންވާނީ ގަސްރަ ނގަޅު ކުރެވޭނެ އެހެންގޮތެއް ނެތުމުން އަދި ބޭހުގެ އަސަރު މީހުންގެ ހަށިގަޑަށް ނުފޯރާގޮތަށް ވިސްނައިގެންނެވެ.
* ބިޔަވާ ގަސް ހެއްދުމުގާއި ވިސްނާލަން ޖެހޭ ބައެއް ނުކުތާތައް
އަނބު، ޖަންބު، ޖަބުރޯލް، ކުންނާރު ފަދަ ގަސް ގޯތިތެރޭގައި ހައްދާ ނަމަ ގްރާޕްޓްކުރި ގަސް ނުވަތަ ފޯދިފައިހުރި ގަހެއްގެ ގޮތްޕެއްގައި ވެލިބަނދެ މޫލައްވައިގެން އިންދުމުން ގަސް އަވަހަށްފޯދި ކުޑަކޮށް ހުއްޓާ މޭވާ އަޅާނެއެވެ. ގަސް ކުޑަކޮށް ހުރުމުން ގޯތީގައި އެއްގަހަށްވުރެ ގިނަ މޭވާގަސް ހެއްދުމުގެ ފުރުސަތު ބޮޑުވާނެއެވެ. ގަސް ކުޑަކޮށް ހުރުމުން މޭވާ ބިނުމަށާއި ގަަހަށް ފަރުވާދީ ބަލަހައްޓަން ފަސޭހަވާނެއެވެ. އަދި ތަރުކާރީ ގަސްތަކަށް ބޭނުންވާ އަވިލިބުމުގެ ފުރުސަތު ބޮޑުވާނެއެވެ.
ގޯތީގައި ހުރި ތަރުކާރީ ނުވަތަ މޭވާ ގަހެއް ދުވަސްވެ ބިޔަވެއްޖެ ނަމަ ގަސްކޮށައި ދުވަސްވީ ގޮފިތައް މަދުކޮށް ގަހަށް ކާނާދީ ބެލެހެއްޓުމަކީ ގަހުން އައު ކުރިތައް ފަޅައިގެން ހެދި މަތިވަރު ރަނގަޅުވާ ކަމެކެވެ.
ތިރީގައި މި ވަނީ ގޯތީގެ ތަފާތު މާހައުލުގައި ހެއްދިދާނެ ބައެއް ބާވަތްތަކެވެ.
* ތެތްފިނިކަން ލިބޭ ފެންތިލަ ތަންތާގައި ހެދޭ ބައެއްގަސްގަސް
އަލަ، ފަތްކެޔޮ، ހިކަނދިފަތް، ރާނބާފަތް، ބިލިމަގު، ޖަންބު، އަނބު، ކަޅުހުއްތުމޭވާ
* ބޮޑެތި ގަސްގަހުގެ ހިޔާ ލިބޭ ހިސާބުގައި ހެދޭ ބައެއް ގަސްގަސް
ހިކަނދިފަތް، ރާނބާފަތް، ބިލެތް، މަތިވައް، ކަންކުން، ބައެއްވައްތަރުގެ ބަގީޗާ
* ބޮޑަށް އަވި ބޭނުންވާ ބައެއް ގަސްގަސް
ބަށި، މިރުސް، ޓޮމާޓޯ، ކޮޕީ، ލީކްސް، ޕެޝަންފުރުޓް، ތޮޅިފަދަ ބާވަތްތައް
ގަހަށް ބަލިޖެހުން ދުރުކުރުމަށްޓަކާ ކުރެވިދާނެ ބައެއް ކަންތައްތައް
* ކްރޮޕް ރޮޓޭޝަން (އެއްބިމެއްގައި އެކިފަހަރު އެކިއާއިލާގެ ގަސް ހެއްދުން)
އިންޓަ ކްރޮޮޕިން (ތަފާތު އާއިލާގެ ގަސް އެއްތަނެއްގައި އިންދުން)
* މުޑުވަަށް ކުރުމަށާއި ޕޮޓަށްއަޅާ ފަހާއި ގެރިގުއި ފަދަތަކެތި ސްޓްރެލައިޒް ކުރުން ނުވަތަ ހޫނުކޮށް އޭގައިވާ ޖަރާސީމުތަށް ނައްތާލުން
* މާ ބޮޑަށް ބަލިޖެހިފައިވާ ގޮފިތައް ކަނޑާ އަންދާލުން
* ފަނިފަކުސާ އައުން މަދުކުރުމަށްޓަކައި ނީމްއޮއިލްފަދަ އިންސެކްޓް ރެޕެލެންޓްއެއް ބޭނުންކުރުން
* ފަނިފަކުސާ އޭގެ ޅަ އުމުރުގައި، ބައްޔެއްނަމަ ބަލީގެ ކުރީ ކޮޅުގައި ބޭސް ސްޕްރޭކުރުން
* ގަސް މަލްޗްކުރުން
* ގަސްތަކަށް ގަވައިދުން ކާނާދީ ބެލެހެއްޓުން
މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ