Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

ފުރައްސާރަތަކުން ރައްކާތެރިކޮށް ދޭނެ އެޕެއް ހަދަނީ

ފުރައްސާރައެެއްކޮށްފާނެ ކަމަށް ބެލެވޭ މީހަކު ގާތުގައި އުޅޭ ނަމަ އެކަން ދެނެގަނެވޭނެ މޮބައިލް އެޕެއް ޑިވެލޮޕް ކުރުމުގެ މަސައްކަތް ދެކުނު ކޮރެއާ އިން ފަށައިފި އެވެ.

އެ ގައުމުގެ ޖަސްޓިސް މިނިސްޓްރީން މިކަން އިއްޔެ އިއުލާންކޮށް ބުނީ މިއީ މިހާރު އަމަލު ކުރަމުން އަންނަ އިލެކްޓްރިކް މޮނީޓަރިން ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެން ފެށި މަސައްކަތެއް ކަމަށެވެ. އެގޮތުން ޑިވެލޮޕް ކުރާ އެޕްގެ އެހީގައި އެ މީހަކު އެ ވަގުތު ހުރި ތަނަކުން އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ކައިރީގައި އުޅޭ މީހެއްގެ ފަރާތުން ލިބެން އުޅޭ ނަމަ އެކަން ވަގުތުން އެ މީހަކަށް އަންގައިދޭނެ އެވެ. އެއާ އެކު އެ މީހަކަށް ރައްކާތެރިވާން ފުރުސަތު ލިބޭނެ އެވެ. އަދި އެ މީހެއްގެ ހަރަކާތްތައް ފޯނުގެ އެހީގައި މެޕްކޮށް ދޭނެ އެވެ.

މިހާރު މިފަދަ އަނިޔާތަކުން ރައްކާތެރިކަން ހޯދަން ބޭނުން ކުރަނީ ޓެކްސްޓް މެސެޖަކުން ލިބޭ އެލާޓެކެވެ. އެކަމަކު މިއީ ފުރައްސާރަކުރި މީހާ ހޯދޭނެ ފަސޭހަ ގޮތަކަށް ނުވެ އެވެ.

އެހެންވެ އަލަށް ޑިވެލޮޕް ކުރަމުން އަންނަ އެޕަކީ ފުރައްސާރަކުރާ މީހާ ހުރި ތަން ވަގުތުބް އަންގައިދީ، އޭނަ އަތުލައި ގަންނަން ވަރަށް ބޮޑަށް ފަސޭހަކޮށް ދޭނެ ކަމެކެވެ. ޖަސްޓިސް މިނިސްޓްރީން ބުނީ އާ ޓްރެކިން ސިސްޓަމް ނެޝަނަލް އިމަޖެންސީ ހޮޓްލައިނާ ވެސް އިންޓަގްރޭޓެޑް ވެސް ކުރާނެ ކަމަށެވެ.

މި މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އާންމު ތަންތަނުގައި އެކި ކަހަލަ ފުރައްސާތައް ކުރިމަތިވުމަކީ ދެކުނު ކޮރެއާގައި ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. އެހެންވެ އަލަށް ޑިވެލޮޕްކުރާ އެޕަކީ މިކަމަށް އެކަށީގެންވާ ހައްލެއް ހޯދަން އެ ގައުމުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރެވޭ ވަރަށް މުހިއްމު މަސައްކަތެކެވެ.