Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

ވާނުވާގައި 347 ، ބޮޑެތި ކުށްވެރިން ދޫކޮށްނުލެވޭނެ

ވަކި މުއްދަތެއް ނެތް "ވާނުވާ" ބަންދުގައި 347 މީހުން އެބަތިބި ކަމަށާއި މީގެތެރޭގައި ގިނައީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު ރައްޔިތުންނާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިވަގުތު ވާނުވާ ބަންދުގައި ތިބި 347 މީހުންގެ ތެރޭގައި ހިމެނެނީ މީހުން މަރާފައި ހުރި ކަމުގެ ތުހުމަތު ކުރެވޭ 29 މީހުންނާއި، ޓެރަރިޒަމްގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ 20 މީހުންނާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ 117 މީހުންނާއި، މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި ހިމެނޭ 70 މީހުންނާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި ހިމެނޭ 116 މީހުންނެވެ.

އަދި ވާނުވާ ބަންދުގައި ދެން ތިބީ މަނީ ލޯންޑްރިން، ވައްކަންކުރުން، ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުން، ޑޮމެސްޓިކް ވަޔަލެންސް، ކިޑްނެޕްކުރުން، ހިޔުމަން ޓްރެފިކިން، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ޕްރޮސްޓިޓިއުޝަން، ސްމަގްލް ކުރުން ފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ފަސް މިނެޓްތެރޭ މި މީހުން މުޖުތަމައުއަށް ދޫކޮށްލަން ބޭނުންވާނެތޯ؟" ރައީސް ސުވާލުކުރެއްވި އެވެ.

މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން ރައީސް ވަނީ މީގެކުރިން ޝަރުއީ ދާއިރާގައި އޮތީ ތަޅު އަޅުވާފައި ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޓުތަކުގައި މިހާރު ވަކި މީހަކަށް ބެލުމެއް ނެތި މައްސަލަތައް އަވަސްމިނުގައި ނިންމަމުންދާ ކަމަށާއި ކޯޓުތަކަށް ވަސީލަތްތައް އިތުރުކޮށްދީ "ވާނުވާ" ގޮތަކަށް ހުރި މައްސަލަތައް "ވާގޮތް" އެނގޭނެ ހިސާބަށް ސަރުކާރުން ގޮސްދީފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ވާނުވާ ބަންދުގައި ތިބި މީހުން ފަސް މިނެޓްތެރޭ ދޫކޮށްލެވޭނެއޭ ބުނި ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ މީހުންނާއި ޓެރަރިޒަމްގެ އަމަލުތަކާއި މާރާމާރީ އާއި މަރުގެ މައްސަލަތަކާއި ޑްރަގުގެ މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްނުލެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.