Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

އޮޕަރޭޝަން އަލިމަގު: އައްޑޫ ހައްޔަރީންގެ ވަނަވަރު އާންމުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޑްރަގު ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތަކުގެ ވަނަވަރު އާންމުކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންނަކީ:

* ހިތަދޫ، ކޮންމުލި، ޢަލީ ނަދީމް، 30،
* ހިތަދޫ، ފަލާޙް، ހާފިޡު ފައުޒީ، 31،
* ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު، 43،
* ހިތަދޫ، ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް، 28،
* ހިތަދޫ، ކެކުރިމާގެ، އަމީން މުޙައްމަދު، 23،

ފުލުހުން ބުނީ މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައި ވަނީ މި އަހަރު މާޗު މަހުން ފެށިގެން ކަމަށެވެ. އަދި މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށާއި އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ނަދީމާއި ހާފިޡު އަދި ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. އަދި އަލްފާފް އާއި އަމީނަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.