Last Updated: July 7, 13:19
Tuesday, July 7, 2026
ޚަބަރު

އެއްވެސް މީހެއްގެ އަބުރު ކަތިލަން ފުރުސަތެއް ނުދޭނަން

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އެއްވެސް މީހެއްގެ އަބުރު ކަތިލަން ފުރުސަތެއް ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާފަންނު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ، އެހެން ދާއިރާތައް ފަދައިން ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށާއި ޚަބަރު ފެތުރުމުގައި ދެ ފަރާތްވެސް ހަމަހަމަކޮށް، ޙަޤީޤަތް ގެނެސްދެވެންޖެހޭނެ ކަމަށެވެ. އެގޮތުން އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިޢުތިރާފުވެވޭ ހިސާބުން، އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަމަށާ، އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ބުނަން ބޭނުންވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ކުރިމަތިނުކުރައްވާނެ ކަމަށާއި ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފުވާފަދަ މޭރުމަކުން އެ ފުރުޞަތު ދެވެން ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ޢަބުރަކީ ހަމަހަމަ އެއްޗެއް ކަމަށާ، އެއީ އިލާހީ ޤާނޫނު ކަމަށާ، އެ ޤާނޫނާ ޚިލާފުވުމުގެ ފުރުޞަތެއް، ކޮންމެ ލޭބަލެއްގައި އައިކަމުގައި ވީ ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން ނުދެއްވާނެ ކަމަށެވެ.

"އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް މި ސަރުކާރަކުން ނުދޭނެ. ކޮންމެ ނޫސްވެރިއަކަށް ވިޔަސް، ކޮންމެ ރައްޔިތެއްގެ ވެސް އަބުރަކީ ހަމަހަމަ އެއްޗެއް. އެއީ މަތިން ބާއްވާލައްވާފައިވާ ގާނޫނެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެއްވެސް ކަހަލަ ސިޔާސީ ވިސްނުމެއް ނެތި، ދެފަރާތް ހަމަހަމައަށް، ތެދުބަހުން ގެނެސްދެވޭ ކޮންމެ ކަމަކަށް މި ސަރުކާރުން ސައްތަ އިންސައްތަ މަރްޙަބާ ކިޔާނެކަމަށާ، މިފަދައިން ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.