މި ސަރުކާރަކީ ކޮރަޕްޝަނާއި މުޅިން ދެކޮޅު ސަރުކާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާފަންނު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނާއި މުޅިން ދެކޮޅު ސަރުކާރެއް ކަމަށާއި ވައްކަން ކުރާ ފަރާތްތަކެއް އުޅޭނަމަ، އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި މި ސަރުކާރުން މަސައްކަތް ކުރި ވަރަށް އެހެން އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނެތް ކަމަށެވެ.
"އަޅުގަނޑެއް ނުބަލަން އެއްވެސް ބަޔަކު ތަނަކުން ވައްކަމެއް ކުރީމަ އެ މީހާއަކީ ކިހާވަރެއްގެ ވިޔަފާރިވެރިއެއްތޯ، އެ މީހާ ނިސްބަތްވަނީ ކޮން އާއިލާއަކަށްތޯ، އެ މީހާއަށް ތާއީދުކުރަނީ މި ކޮން ސިޔާސީ މީހެއްތޯއެއް ނުބަލަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަން ހިންގަން އަދި ވައްކަން ކުރަން ފުރުސަތެއް ނުދޭނެ ކަމަށާއި ކޮރަޕްޝަނަކީ ބޮޑު ވަބާއެއް ކަމަށްވާއިރު، މިކަމުގައި ކުރަންޖެހޭ ކަމަކީ އެކަމާ ދެކޮޅަށް ތެދުވުން ކަމަށެވެ. މި ސަރުކާރުގެ ސިޔާސަތަކީ ވެސް ކޮރަޕްޝަނާ ވައްކަމާ ދެކޮޅު ސިޔާސަތެއް ކަމަށާއި، އަންނަ އަހަރު ސަރުކާރުން "މޯލްޑިވްސް 2.0" ނަމުގައި ފަށާ ޕްރޮގްރާމަކީ ގަވަނަންސް ނިޒާމުތަކުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ގެނެވޭ އެންމެ ބޮޑު ޓްރާންސްފޮމޭޝަނަލް ބަދަލު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ކުރީގަ ވެއްޖިއްޔާ، އަދި މިއަދާ ހަމައަށްވެސް، ކަމެއް ކުރަން ވެއްޖިއްޔާ އޮފީހެއްގެ ތެރެއިން ކޮންމެސް މީހެއް ކައިރީގަ ނޫންތޯ ބުނަންޖެހެނީ. އެމީހާ އެކަން ކޮށްދިނީމަ މިވަނީ. އެހެންނަމަވެސް ޑިޖިޓަލައިޒް ކުރެވުނީމަ، އެނިޒާމުގެ ތެރެއަށް ވެއްދީމަ، ދެން އެމީހަކު ކުރާނެކަމެއް ނޯންނާނެ. މަދުވާނެ އަތްލެވޭނެ ކަންތައްތައް، އެހެންވީމަ ކޮރަޕްޝަން ހިންގުމުގެ ފުރުސަތު ގެއްލޭ ވަރަށް ބޮޑަށް ނިޒާމުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ހަގީގީ މާނައިގައި ކޮރަޕްޝަން ނައްތާލައި ހަގީގީ މާނައެއްގައި ގުޑް ގަވަނަންސްގެ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ވަރަށް ކެރިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ނަތީޖާވެސް ރަނގަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.