ފެނަކައިގެ ނަމުގައި ބިލްތަކުން ސަބްސިޑީ ދޭނެ ކަމަށް ބުނެ ޕޭޖެއް ހިންގާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފެނަކަ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ދޭ ހިދުމަތްތަކުގެ ބިލްތަކުން ސަބްސިޑީ ދޭނެ ކަމަށް ބުނެ، އެ ކުންފުނީގެ ނަމުގައި މީސް މީޑިއާގައި ޕޭޖެއް ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިފަދަ ޕޭޖްތައް ހިންގުމުގައި އެ ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި އަދި އެ ކުންފުނިން އެއްވެސް އަމިއްލަ ފަރާތަކަށް ލިންކް ފޮނުވައިގެންވެސް އަދި އެފަދަ އެހެން ގޮތަކަށް ނަމަވެސް ފައިސާގެ މުއާމަލާތްތައް ނުކުރާނެ ކަމަށް ފެނަކައިން ބުންޏެވެ.
"މި ކުންފުނިން ފައިސާގެ މުއާމަލާތްތައް ހިންގާނީ އެ ކުންފުނީގެ ނަމުގައި ހަދާފައިވާ ރަސްމީ އެކައުންޓްތަކުން އެކަނި ކަމުގައިވެސް ދަންނަވަމެވެ،". އެ ކުންފުނީގެ ބަޔާނުގައިވެ އެވެ.
ފެނަކައިން ވަނީ އޮޅުވާލައިގެން ފައިސާ ހޯދުމަށް ހިންގާ މިފަދަ ކަންތައްތަކުން ހުރިހާ ރައްޔިތުންވެސް ސަމާލުވެ، އެފަދަ ލިންކެއް ނުވަތަ ކޯލެއް އައިސްފިނަމަ ކަމާ ބެހޭ ފަރާތްތަކަށް ވީހާވެސް އަވަހަަށް ރިޕޯޓް ކުރުމަށް އެދިފަ އެވެ.