އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕްގެ ގުރު ނެގުން މިރޭ އޮންނާނެ އެވެ.
ވޯލްޑް ކަޕްގެ ގުރުއަތު ނެގުން އޮންނާނީ މިރޭ ރާއްޖެގަޑިން 10 ޖަހާއިރު އެމެރިކާގެ ވެރިރަށް ވޮޝިންޓަންގެ ޖޯން އެފް ކެނެޑީ ސެންޓަރުގަ އެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބާމްގެ އިތުރުން ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގުރު ނެގުން ފެށުމުގެ ކުރިން ތަފާތު އެކި ފަންނާނުން މިއުޒިކްގެ ހުށަހެޅުންތައް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާއިރު، ގުރު ނެގުން ހުށަހަޅައިދޭނީ މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ރިއޯ ފާޑިނޭންޑް އެވެ. ގުރު ނެގުން ކުރިއަށް ގެންދާނީ އެމެރިކާގެ ތަފާތު އެކި ކުޅިވަރުތަކުގެ ލެޖެންޑުންގެ ޓީމަކުންނެވެ.
ވޯލްޑް ކަޕަށް ކޮލިފައިވާ 48 ޓީމުގެ ތެރެއިން 42 ޓީމެއް މިހާރު ވަނީ ޔަގީންވެފަ އެވެ. މިހާތަނަށް ޔަގީން ނުވެ އޮތީ ޔޫރަޕްގެ ޕްލޭއޮފުން ކޮލިފައިވާނެ ހަތަރު ޓީމާއި އިންޓާ ކޮންޓިނެންޓަލް ޕްލޭ އޮފްއިން ކޮލިފައިވާ ދެ ޓީމެކެވެ. ޕްލޭއޮފް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗު މަހުގެ އެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މެޗުތައް 16 ސިޓީއެއްގައި ކުޅޭނެ އެވެ.
ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.