Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ކުރީގެ ރައީސުން 'ނުސާފު މުއްސަނދިކަމަށް' ޖަވާބުދާރީވޭ!

އާދައިގެ ރައްޔިތުން އެމީހުންގެ އާމްދަނީން ހަމައެކަނި ކުލި، ކަރަންޓް، ފެން ބިލް، އަދި ބޮޑުވަމުންދާ ޓެކްސް ދެއްކުމަށް ނުކުޅެދިފައިވާ ޤައުމެއްގައި، ކުރީގެ ވެރިން ޤާނޫނަށް ވުރެ މަތީގައި ތިއްބަވާ ކަމަށް ހީކުރުމަށް ވުރެ، ރައްޔިތުންގެ އިތުބާރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ނެތެވެ.

މިއަދު، ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފަައި ތިއްބެވި ބައެއް ބޭފުޅުން ތިއްބެވީ، ޤައުމީ ފެންވަރުގައި އަވަސް ސަމާލު ކަމެއް ދޭން ޖެހޭ ސީރިއަސް ތުހުމަތުތަކެއްގެ ތެރޭގަ އެވެ.

އަހަރުތަކެއް ވަންދެން ދިވެހިން ވަނީ ރާއްޖޭގެ ކުރީގެ ބައެއް ވެރިންގެ މުއްސަނދިކަމުގެ ހަޤީޤީ މިންވަރާ މެދު ސުވާލު އުފައްދައިފަ އެވެ. އެފަދަ ބައެއް ބޭފުޅުން ދުބާއީ އާއި ސިންގަޕޫރް ފަދަ ގައުމުތަކުގައި ބޮޑު އާމްދަނީއެއް ލިބޭ ގިނަ އެޕާޓްމެންޓްތަކާއި، ހުޅުމާލޭގައި ގިނަ ހައުސިން ޔުނިޓްތަކާއި، އަދި އެފަދަ ބޭފުޅުންގެ މިލްކިއްޔާތުގައި ހަނިމާދޫ ފަދަ ރަށްރަށުގައި ލަގްޒަރީ ހޮޓެލް ތިބޭކަމުގެ ދައުވާތަކެއް ދަނީ ފެންމަތިވަމުންނެވެ.

މީގެ އިތުރުން ވެސް، ރެޑް ސީ ސަރަޙައްދުގައި އޮންނަ ބިދޭސީ ރިޒޯޓް ނުވަތަ އިންވެސްޓްމަންޓް މަޝްރޫޢުތަކުގެ އެޑްވައިޒަރުންގެ ގޮތުގައި ތިއްބަވައިގެން އެފަދަ ބޭފުޅުން ގިނަ އަދަދެއްގެ އާމްދަނީއެއް ހޯއްދަވާ ކަމަށްވެސް އާންމު ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ. މިފަދަ އާމްދަނީ އަކީ ހާމަނުކޮށްފި ނަމަ، ޓެކްސްއާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް އުފެއްދިގެންދާނެ ކަމެކެވެ.
މި ތުހުމަތުތައް ހަޤީޤަތަކަށް ވިޔަސް އަދި ނުވިޔަސް، އެއް ކަމަކަށް ހަޤީޤަތާ ދެކޮޅު ނުހެދޭނެ އެވެ. އެއީ ކުރީގެ ރައީސުން ބޭރުން ހޯއްދަވާ މިފަދަ އާމްދަނީ ކަށަވަރުކުރުމުގެ އެއްވެސް ނިޒާމެއް ރާއްޖޭގައި ނޯންނަކަމެވެ. އެއީ ޤައުމީ ފެންވަރުގެ ނުރައްކާތެރި މައްސަލައެކެވެ.

ދައުލަތުގެ ކުރީގެ އިސްވެރިއަކަށް ބޭރު ޤައުމުތަކުގައި ރިއަލްސްޓޭޓް ވިޔަފާރިން ބޮޑު އާމްދަނީއެއް ހޯދަމު ންވެސް، ރިޔާސީ ޕެންޝަން ނަންގަވައި، ދައުލަތުގެ ފައިސާއިން އޮފީސް ހަރަދުތައް ހަމަޖައްސަވައި އަދި އަމާނާތްތެރިކަމާއެކު ޚިދުމަތްކުރާ ވެރިންނަށް ޚާއްސަ ކުރެވިފައިވާ އާންމު ފައިސާއިން ދިރިއުޅުމަށް ހޭދަކުރެއްވެ އެވެ. މިއީ ކަންބޮޑުވާން ޖެހޭ ގައުމީ ބޮޑު މައްސަލައެކެވެ.

މިއީ ސިޔާސީ ކަމެއް ނޫނެވެ. މިއީ ޖަވާބުދާރީވުމާއި، އިންސާފާއި، ޤާނޫނުގެ ހުކޫމަތާ ގުޅުންހުރި ކަމެކެވެ. ރިސޯޓް އޯނަރުން އެމީހުންގެ އާމްދަނީ ހާމަކުރަން ޖެހޭ ނަމަ، ދުއްކާނެއްގެ ވެރިޔަކު ޓެކްސް ދައްކަން ޖެހޭ ނަމަ، އޮޑިވެރިން އެމިހުންގެ އާމްދަނީން ޓެކްސް ދައްކަން ޖެހޭ ނަމަ، ކުރީގެ ރައީސަކު މިކަމުން އިސްތިސްނާ ވާން ޖެހެނީ ކީއްވެގެން ހެއްޔެވެ؟ މި މައްސަލަ އަކީ ހަމައެކަނި ކުރީގެ ވެރިކަން ކުރެއްވި ވަކި ވެރިޔަކަށް ޚާއްސަކަމެއް ނޫނެވެ.

މިއީ ދިވެހި ސިޔާސީ ނިޒާމުގައި ހުރި ފޫނުބެދޭ ބޮޑު ވަޅުގަނޑެކެވެ. އެއްދުވަސްވަރެއްގައި އެންމެ މަތީ ބާރުގެ ގޮނޑީގައި ތިއްބެވި ބޭފުޅުން އެއްވެސް ބިރަކާނުލައި، އެ ބޭފުޅުންގެ މުއްސަނދިކަން ފޮރުވައިގެން މި ރާއްޖޭގައި ދިރިއުޅުއްވަންވީ އެވެ. އެއީ ހަމަޖެހޭ އުސޫލެއް ނޫނެވެ.

ޓެކްސް އަށް މަކަރު ހެދުން ނުވަތަ ޓެކްސް އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ހުރުމަކީ ގާތްގަޑަށް ކޮންމެ ގައުމެއްގައި ވެސް އަދަބު ލިބޭ ކުށެކެވެ. ރާއް ޖެއަކީ ވެސް މިކަމުން އިސްތިސްނާ ވާނެ ގައުމެއް ނޫނެވެ. އެހެނީ ގާނޫނުތަކުގައި އާދައިގެ ރައްޔިތުންނާއި، ދައުލަތުގެ އެންމެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ މެދުގައި ތަފާތުކުރުމެއް ނެތެވެ. ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އަބްދުﷲ ޔާމީން އަދި އިބްރާހީމް ސޯލިހު ކަމުގައިވީ ނަމަވެސް، ކޮންމެ ވެރިޔަކީ ވެސް އެބޭފުޅުންގެ ރިޔާސަތުގެ ކުރިންނާ، ރިޔާސަތުގައި ހުންނަވާ އިރާއި ރިޔާސަތަށް ފަހު ވެސް ގައުމުގެ ޓެކްސް ގާނޫނުތަކަށް ކިޔަމަންވާން ޖެހޭ ރައްޔިތުންނެވެ.

ވަރުގަދަ ޑިމޮކްރަސީތައް ބިނާވެފައި ވަނީ އެއްވެސް މީހަކީ ޖަވާބުދާރީ ނުވެ ގާނޫނުތަކަށްވުރެ މަތީގައި ހުރެވޭނެ އުސޫލަކަށް ނޫނެވެ. ރައްޔިތުންގެ އިތުބާރު ބިނާވެފައިވަނީ ފައިސާގެ މުއާމަލާތްތަކާއި އާމްދަނީ ސާފުކޮށް ހާމަކުރުމާއި، ޓެކްސް ގަވާއިދުތައް އިންސާފުން ތަންފީޒުކުރުމުގެ މައްޗަށެވެ. ކުރީގެ ރައީސުންނާއި އަދި މިހާރުގެ ވެރިންވެސް ގާނޫނުތަކަށް ކިޔަމަންތެރިކަން ދައްކަވާނަމަ، އޭގެ ސަބަބުން މުއައްސަސާތައް ވަރުގަދަވެ، ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ބަދަހިވާނެ އެވެ. އެބޭފުޅުން ގާނޫނުތަކަށް ކިޔަމަން ނުވާ ނަމަ، އެކަން ތަހުގީގުކޮށް ގާނޫނުގެ ޙުކޫމަތް ދެމެހެއްޓުމަކީ ސިޔާސީ ކަމެއް ނޫނެވެ. އެއީ މިނިވަން މުއައްސަސާތަކުގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމެކެވެ.

ރާއްޖެ ކުރިއަރައިގެންދިއުމަށްޓަކައި، ޓެކްސް ގާނޫނުތަކަށް ކިޔަމަންތެރިވުމަކީ ދެމިހުންނަ، ބަޔާސްކަމެއް ނެތް، އަދި ބިރަކާ ނުލައި ތަންފީޒު ކުރެވޭ ކަމެއް ކަމުގައި ވާން ޖެހެ އެވެ.