Last Updated: July 7, 18:18
Tuesday, July 7, 2026
ޚަބަރު

މި ފަސް އަހަރު ނިމޭއިރު ރައްޔިތުން ފުލުހުންނަށް އިތުބާރުކުރާނެ

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

މި ފަސް އަހަރު ނިމޭއިރު ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ވެގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިހެން ވިދާޅުވީ ފުލުހުންގެ ނަޒާހާތްތެރިކަމާއި އެ ޚިދުމަތަށް އާންމުން ކުރާ އިތުބާރު އަނބުރާ ގެންނަން އިހުސާން މަސައްކަތް ނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވުމާ ގުޅިގެންނެވެ.

ޔާމީނަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި ވަޑައިގެން "ސިޓިން ރޫމްގައި ފްރޮންޓް އޮފީސް" ހިންގަވަމުން ފުލުހުންގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި އެ ވެރިކަމުގައި ރައީސް އޮފީހުގައި ހުންނަވައިގެން އެކަން ކުރެއްވިނަމަ މިއަދު އޮންނާނީ ރައްޔިތުން ފުރިހަމައަށް އިތުބާރުކުރާ ފުލުހުންގެ މުއައްސަސާއެއް ކަމަށެވެ.

"މާތްﷲ ގެ އިރާދަފުޅާއެކު މި ފަސް އަހަރު ނިމިގެންދާއިރު ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރައްވާ އަދި ރައީސް ޔާމީން ވެސް ފަހުރުވެރިވެ ވަޑައިގަންނަވާ މުއައްސަސާއަކަށް. އެކަން އަޅުގަނޑުމެން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި މި ވަތަން ދެކެ ލޯބިވާ ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުން ކުރައްވާ ހިދުމަތަށް ފަހުރުވެރިވާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަނީ ފުލުހުންގެ މުއައްސަސާގައި ރަނގަޅު ކުރަންޖެހޭ ކަންކަން ހުރިކަން ދަނެ، އެކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާއެކު ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.