Last Updated: July 7, 18:18
Tuesday, July 7, 2026
ޚަބަރު

ބިދޭސީންގެ ގަވާއިދާ ހިލާފު 11 ވިޔަފާރިއެއް ބަންދުކޮށްފި

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ރިޕޯޓުކުރަން މިދިޔަ މަހުގެ 27 ގައި ހުޅުވާލާފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް އެފަދަ 125 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މިގޮތުން 20 ކެފޭ، 12 ރީޓެއިލް އައުޓްލެޓް، ދެ ގަރާޖު އަދި އެއް ގެސްޓްހައުސް ހިމެނޭހެން 35 ތަނެއް އިންސްޕެކްޓް ކުރެވި، 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވިޔަފާރި ބަންދުކުރަން ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި އަދި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކާއެކު މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 8 އާއި ދެމެދު މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ރިޕޯޓު ކުރެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ބުނެފަ އެވެ.