Last Updated: July 7, 18:18
Tuesday, July 7, 2026
ޚަބަރު

މަރުގެ އަދަބާއެކު ރާއްޖެއަށް ޑްރަގު އެތެރެކުރުން ހުއްޓޭނެ

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމުން ރާއްޖެއަށް ޑްރަގު އެތެރެކުރުން ހުއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ ރާއްޖެ އަންނަ އިރު ޑްރަގު އެތެރެކޮށްފި ނަމަ، އެ މީހަކަށް މަރުގެ އަދަބު ދިނުމަށް ހިމަނާފަ އެވެ.

މާފަންނު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ޒުވާނުން ބާރުވެރިކޮށް، ޑްރަގުގެ ވަބާއިން ޒުވާނުން ސަލާމަތްކުރަން ކަމަށާއި އޭގެ "ރޫޓް ކޯސްއަށް އެޑްރެސްކުރީ" އެހެންވެގެން ކަމަށެވެ.

"އޭގެ ރޫޓް ކޯސްއަކީ ކޮބާ؟ އެތެރެ ކުރުން. ޑްރަގު ރާއްޖެއަށް އެތެރެނުކޮށް އެ ވިޔަފާރި ނުކުރެވޭނެ ނޫންތޯ. ޑްރަގު އެތެރެ ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދޭން މިހާރު އެ އޮތީ ބިލު ފާސްކޮށްފައި. އަޅުގަނޑުމެން ބޭނުން ވަނީ އަދަބެއް ދޭކަށް ނޫން. މިކަހަލަ އަދަބުތައް ކަނޑައެޅީމަ، މިކަން ކުރާ މީހުން މަދުވާނެ. އެކަހަލަ ބޮޑެތި އަދަބު ކަނޑައެޅީމަ ޑްރަގު އެތެރެކުރުން ހުއްޓޭނެ. އެއީ ބޭނުމެއް ނުވާނެ މަރުގެ އަދަބު ލިބޭކަށް،" ރައީސް ވިދާޅުވި އެވެ.

ޑްރަގު ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރާ މީހުންނަށް މީގެކުރިން އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ ގޮތުގައި އޮންނަނީ 25 އަހަރު ކަމަށާއި ނަމަވެސް އުމުރު ދުވަހަކީ އެމީހާ މަރުވަންދެން ޖަލުގައި ބޭއްވުން ކަމަށް ގާނޫނަށް މިހާރު އިސްލާހު ގެނެސްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"އެހެންވީމަ، މިއީ ނޫންތޯ ހަގީގީ މާނައިގައި ރޫޓް ކޯސްއަށް އެޑްރެސް ކުރުމަކީ. މި ޑްރަގު މައްސަލަ ހައްލުވާނެ މިތަނުން. ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވަންވީ،" ރައީސް ވިދާޅުވި އެވެ.