Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

'ކަލްކީ' ގެ ސީކްއެލް އަށް ޕްރިޔަންކާ

ފީގެ މައްސަލައިގައި އެއްބަސްވުމަކަށް އާދެވޭ ގޮތް ނުވުމުން ދީޕިކާ ޕަދްކޯން ދޫކޮށްލި މިދިޔަ އަހަރުގެ "ކަލްކީ: 2898 އޭޑީ" ގެ ދެވަަނަ ބައި ޕްރިޔަންކާ ޗޯޕްޅާ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަޝްހޫރު ތެލެގޫ ޑައިރެކްޓަރު ނާގް އަޝްވިން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު އެޕިކް ސައިންސް ފިކްޝަން ފިލްމުގައި ދީޕިކާ ކުޅުނީ ސުމަތީ ކިޔާ ކެރެކްޓާއެކެވެ.

"ކަލްކީ" ގެ ދެވަނަ ބަޔަށް ތައްޔާރީތައްވަމުން އަންނަ އިރު، ފީގެ މައްސަލައިގައި ފިލްމުގެ ޓީމަށް އެއްބަސްވުމަކަށް ނާދެވުމުން އޭނަ ފިލްމު ދޫކޮށްލި ވާހަކަ މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ފިލްމުން ދީޕިކާ ވަކިކުރީ އެވެ.

ނަމަވެސް "ކަލްކީ" ގެ ދެވަނަ ބައި އޭނަ ނުކުޅެން ނިންމި ސަބަބާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ރަސްމީކޮށް ހިއްސާކޮށްފައެެއް ނުވެ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން ފިލްމުގެ ޓީމުން ޕްރިޔަންކާ އަށް ފިލްމު ހުށަހަޅައި މަޝްވަރާތައް ކުރިއަށެވެ. އަދި އޭނަ ފިލްމަށް ސޮއިކުރާނެކަމުގެ އިޝާރާތެއް ވެސް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޕްރިޔަންކާ ވެސް މިހާރު ވެސް އަންނަނީ ވަރުގަދަ ތެލެގޫ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ބާހްބަލީ" އާއި "އާރްއާރްއާރް" ގެނެސްދިން ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ "ވަރަނަސީ" އެވެ.

ދެހާސް ހަތާވީހުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ މި އެޑްވެންޗާ އެކްޝަން ފިލްމުގެ ބަތަލަކީ މަހޭޝް ބާބޫ އެވެ.

"ވަރަނަސީ" އަކީ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އަށް ފަހު ޕްރިޔަންކާ ކުޅޭ އިންޑިއާގެ ފުރަތަމަ ފިލްމެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި "ކަލްކީ: 2898 އޭޑީ" ގެ ބަތަލަކީ "ބާހްބަލީ" ގެ ބަތަލު ޕްރަބާސް އެވެ. އަދި މީގެ ވަރުގަދަ ރޯލެއް އަމީތާބް ބައްޗަން ވެސް ކުޅެފައިވެ އެވެ.