ސްރީ ލަންކާ އަށް "ޑިތުވާ" ތޫފާންގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަށް އެހީވާން ރާއްޖޭގެ ސަރުކާރުން ދޭން ނިންމި 25،000 މަސްދަޅޫ ކޭސް މިއަދު ހަވާލުކޮށްފި އެވެ.
ރާއްޖޭގެ ފަރާތުން އެ ލަންކާއާ ޙަވާލުކޮށްދެއްވީ ރާއްޖެއިން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ. ލަންކާގެ ފަރާތުން މަސްދަޅު ކޭސްތަކާ ޙަވާލުވެވަޑައިގަތީ އެ ޤައުމުގެ ޑިޒާސްޓަ މެނޭޖްމަންޓް ސެންޓާ (ޑީއެމްސީ) ގެ ޑިރެކްޓާ އޮފް އޮޕަރޭޝަންސް ބްރިގޭޑިއާ ރޯޝަން ދަރްމާވަކްރަމާ އެވެ.
މަސްދަޅު ކޭހުގެ އިތުރުން ސަރުކާރުން ލަންކާ އަށް 50،000 ޑޮލަރު ވެސް ހަދިޔާކޮށްފައިވެ އެވެ.
ލަންކާ އަށް އެހީވާން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިސްކޮށް އޮވެގެން ޓެލެތޯނެއް ބާއްވައި އެއިން ލިބުނު 800،000 ޑޮލަރު ވެސް އެ ގައުމާ ކުރިން ހަވާލުކޮށްފައިވެ އެވެ.
ތޫފާންގައ ބޯކޮށް ވާރޭ ވެހި، ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތަކުގައި ލަންކާ އިން 479 މީހުން މަރުވެ 350 މީހުން ގެއްލިފައިވެ އެވެ. ތޫފާނުގެ އަސަރު 1.2 މިލިއަން މީހުންނަށް ކޮށްފައިވެ އެވެ.