ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން އެ ގައުމުން އެހީވާން ރާއްޖެ އިން "ސިލޯނާ އެކު ދިވެހިން" ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެހީ ލަންކާ ސަރުކާރާ ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދު އެވެ. ލަންކާ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެޤައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު އެވެ.
ޓެލެތޯނުން ލިބުނު ފައިސާގެ އިތުރުން ދިވެހި ސަރުކާރުން ހަދިޔާކުރި 50،000 ޑޮލަރާއި 25،000 މަސްދަޅު ވެސް ލަންކާ ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އިން ލަންކާ އަށް ދޭން ނިންމި އެހީ އިން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށެވެ. އަދި ރާއްޖެއިން އުއްމީދު ކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ލަންކާ ރައްޔިތުންނަށް ކޮންމެ ވެސް ވަރެއްގެ ތަސައްލީއެއް ލިބި، އެ ގައުމުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްރީ ލަންކާ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ މައްޗަށް އަރައިފަ އެވެ.