Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ދީނީ ކަންކަމަށް ރައީސް އިސްކަން ދެއްވާތީ އުފާކުރަން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނީ ކަންކަމަށް އިސްކަން ދެއްވުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މީޑިއާ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިންގެރާއްޖެއެއް އޭގެ ޒާތުގައި ބިނާކުރުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ އަސާސީ މައިގަނޑު ކަންކަމުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ އިސްލާމްދީނާއި ގުޅުންހުރި ކަންކަމާއި ދީނީ ސިޔާސަތު ތަންފީޒުކުރުން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އުފާކުރަންޖެހޭ ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ދީނީ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާކަން. އޭގެތެރެއިން އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު އިނާމު ދެވޭ މުބާރާތަކީ ކީރިތި ޤުރުއާންނާއި ބެހޭ މުބާރާތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން އެއީ ހަމަ ގައިމުވެސް ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ރައްޔިތުން އުފާކުރަންޖެހޭ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މީގެކުރިން އެ މުބާރާތަކީ އެހާ އަގުބޮޑު އިނާމްތަކެއް ލިބޭ މުބާރާތެއް ނޫން ކަމަށާއި އެއަށް ވުރެ މާ އާދައިގެ މުބާރާތްތަކަށް މާ އަގުބޮޑު އިނާމްތައް ލިބިގެންދާ ކަމަށެވެ. އެހެންނަމަވެސް ރައީސް ނިންމެވީ ސައްތައިން ސައްތަ މި މުސްލިމް ރާއްޖޭގައި އެންމެ އަގުބޮޑު އިނާމް ދެވޭ މުބާރާތަކަށް ވާންވާނީ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ކަމަށާއި އަދި އެ މުބާރާތުގެ ހާއްސަ ވަނަތައް ހޯދަވާ ފަރާތްތަކަށް ޕީއެޗްޑީއާއި ހަމައަށް ހިލޭ ކިޔެވުމުގެ މަގުވެސް ރައީސް ފަހިކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން މިނިސްޓްރީގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ކުރެވެމުންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މައުރަޒެކެވެ.

މީޑިއާ މައުރަޒު މިއަދު ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް ކުރިއަށްދާނެ އެވެ.

މި މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފަ އެވެ. މީގެ އިތުރުން ޝައިޚުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވެ އެވެ.