Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ރައީސްގެ ބައްދަލުވުންތައް ސިޔާސީ ނުކުރޭ

މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ ބައްދަލުވުންތައް ސިޔާސީ ނުކުރުމަށް ރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރު އަހުމަދު މަހުލޫފް ގޮވާލައިފި އެވެ.

މި ބައްދަލުވުންތަކުގައި ރައްޔިތުން އަންނަނީ ކަންބޮޑުވުން ހުރި ކަންކަން ހާމަކޮށް ތަފާތު އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަހުލޫފް ވިދާޅުވީ ރައީސް މުއިއްޒު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއިއެކު ބާއްވަވަމުންގެންދަވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއިވޭ ކަމަށާއި އެ ރައްޔިތުން އުޅެމުންދާ ދަތިހާލު އަދި ބޯހިޔާވަހިކަމަށް މުޅި އުމުރު ހުސްވަންދެން ކުރަމުންދާ މަސައްކަތް ދަނީ އަސަރާއިއެކު ސީދާ ރައީސް އާއި ހިއްސާކުރަމުން ކަމަށެވެ.

"ހަގީގީ ޝަކުވާ އާއި ކަންބޮޑުވުން ހިއްސާކުރުމަށް ލިބޭ މިފަދަ ރަނުގެ ފުރުސަތެއް ސިޔާސީކޮށް އެބައްދަލުވުމުގެ މާހައުލު ހަލަބޮލި ކުރުމުން އޭގެ ހުރިހާ ދެރައެއް ލިބޭނީ އެ ފުރުސަތަށް އެދިއެދި ތިބި ރައްޔިތުންނަށް،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވަނީ ރައީސް އާއި ރައްޔިތުންގެ ދެމެދަށް ނުވަދެ ސިޔާސީ ޕޯޑިއަމްތަކާއި، ހަރުގެތަކާއި، މުޒާހަރާތަކާއި، ސޯޝަލް މީޑިއާ އަދި ޓީވީ ޕްރޮގްރާމްތަކުގައި ވެސް ސިޔާސީ މަސައްކަތް ކުރެވެން ވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.