އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓިރޭޒްއާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދު އާއި ގުޓިރޭޒް ވަނީ ޝާހިދުގެ ރިޔާސަތުގެ ދަށުން އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަން ކުރިއަށްދިޔަ އިރު، ދެބޭފުޅުން އެކުގައި ކުރެއްވި މަސައްކަތްޕުޅަށާއި، އޭރު ޝާހިދު ފެއްޓެވި ބައެއް މަސައްކަތްޕުޅުތައް މިހާރު ގޮސްފައިވާ ހިސާބާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި އިންޓަނޭޝަނަލް ކޮމިއުނިޓީ އޯގަނައިޒޭޝަންގެ "ފޯ އަވާ ފިއުޗާ" ރިޕޯޓާއި ބެހޭ މައުލޫމާތުވެސް ޝާހިދު އދ. ގެ ސެކެޓްރީ ޖެނެރަލްއާ ހިއްސާކުރެއްވި އެވެ.
އދ. ގެ މެމްބަރު 70 ޤައުމާއި އދގެ ބައެއް ޖަމިއްޔާތަކުން ބައިވެރިވި ރަސްމިއްޔާތެއްގައި ޝާހިދު ވަނީ މި ރިޕޯޓާއި ގުޅޭ ގޮތުން ކީނޯޓް ސްޕީޗެއް ވެސް ދެއްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ މައްސަލަތަކަށް ހައްލު ހޯދުމުގައި ޒުވާނުންގެ ދައުރު ފުޅާކުރުމާއި ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ. ޚާއްސަކޮށް، މިއަދުގެ މައްސަލަތަކަށް ހޯދާ ހައްލުތަކާއެކު ގިނަ ދުވަހު އެހައްލުތަކުގެ ނަތީޖާ ތަހައްމަލުކުރަން ޖެހޭނީ މިއަދުގެ ޒުވާނުންކަން ފާހަގަކޮށް، ޒުވާނުން ކުރިއެރުވުމަށް އަދި އދގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުމަށް ޝާހިދު ފެއްޓެވި މަސައްކަތްޕުޅު، ޝާހިދަށްފަހު އދ ގެ އާއްމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވާ ބޭފުޅުންވެސް ކުރިއަށް ގެންދަވާކަން ފާހަގަކުރެއްވި އެވެ.
ފޯ އަވާ ފިއުޗާ ރިޕޯޓަކީ މިދިޔަ އަހަރު އދ. އިން އެޑޮޕްޓްކުރި ޕެކްޓް ފޯ ދަ ފިއުޗާއާ ގުޅުވައިގެން، ބައިނަލްއަޤްވާމީ ސުލްހައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން ނެރުނު ރިޕޯޓެކެވެ.