މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފެށި ސަލްމާން ޚާންގެ ފިލްމު "ބެޓްލް އިފް ގަލްވާން" ގެ ޝޫޓިން ނިންމާލައިފި އެވެ.
މީޑިއާތަކުން ބުނީ އަޕޫރްވާ ލާކިއާ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ނިންމައިލީ އިއްޔެ ކަމަށެވެ. މި ފިލްމަކީ ސަލްމާނާއި އަޕޫރްވާ އެކީގައި މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓް ވެސް މެ އެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިއުލާންކުރި "ބެޓްލް އޮފް ގަލްވާން" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.
މީގައި ސަލްމާން ކުޅެނީ ސިފައިންގެ އޮފިސަރެއްގެ ރޯލެވެ.
"ބެޓްލް އޮފް ގަލްވާން" ގެ ކާސްޓްގައި ޗިތުރަންދަގާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ފަންނާނުން ހިމެނެ އެވެ.
"ބެޓްލް އޮފް ގަލްވާން" ރިލީޒްކުރާނެ ތާރީހެއް އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެ އެވެ.
އެކަމަކު ދާދި ފަހުން މީޑިއާތަކުން ބުނީ އަންނަ އަހަރުގެ ފިތުރު އީދުގައި ފިލްމު ގެނެސްދޭން ޕްލޭން ކުރަމުން އަންނަ ކަމަށެވެ. އާންމުކޮށް ފިތުރު އީދުގައި ފިލްމުތައް ގެނެސްދޭން މަޝްހޫރު ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރި "ސިކަންދަރު" އެވެ.