އޮންލައިންކޮށް ވިޔަފާރި ކުރަން ވެސް މިހާރު ބޭނުން ކުރަމުން އަންނަ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ރެޑްނޯޓް (ޝިއާއޯހޮންގްޝޫ) ޓައިވާންގައި މަނާކުރަން ނިންމައިފި އެވެ.
އެ ގައުމުން ބުނީ އަހަރު ދުވަހަށް އެ އެޕް މަނާކުރަން ނިންމީ އެ މެދުވެރިކޮށް ސްކޭމްތައް ހިންގަމުންދާކަމުގެ ކަންބޮޑުވުންތަކާ ހެދި ކަމަށެވެ. ޓައިވާންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިއުރޯ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 'ރެޑްނޯޓް" މެދުވެރިކޮށް، މަކަރާއި ހީލަތުގެ 1،700 އަށް ވުރެ ގިނަ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި އެ މައްސަލަތަކުގައި ފޭރިގަތް ފައިސާގެ އަދަދު 7.9 މިލިއަން ރުފިޔާ އަށް އަރަ އެވެ.
އެހެންވެ އެ އެޕް ޓައިވާންގައި ބޭނުން ނުކުރެވޭ ގޮތް ހަދަން އެ ގައުމުގައި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކަށް މިހާރު އޮތީ އަންގައިފައި ކަމަށް ވެސް އިންވެސްޓިގޭޝަން ބިއުރޯ އިން ބުންޏެވެ. ޓިކްޓޮކާ ވެސް ދާދި އެއްކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ 'ރެޑްނޯޓް' އަކީ އޮންލައިން ޝޮޕިން ހާއްސަ ފީޗާތަކެއް އެކުލެވޭ އަދި ޓައިވާންގެ ތިން މިލިއަނެއްހާ މީހުން ބޭނުން ކުރަމުން އަންނަ އެޕެކެވެ.
މި އެޕް ލޯންޗްކުރީ 2013 ގަ އެވެ.
ޓައިވާންގެ އިންޓީރިއާ މިނިސްޓަރު ލުއީ ޝީ-ފަންގްއާ ހަވާލާދީ މީޑިއާތަކުން ބުނީ 'ރެޑްނޯޓް' މަނާކުރަން ނިންމީ އެ މެދުވެރިކޮށް ސްކޭމްތައް ހިންގާ މައްސަލަ، އެ އެޕް ހިންގާ ޝިންޖީން ޓެކްލޮޖީގެ ސަމާލު ކަމަށް ގެނެސް ޑޭޓާ ސެކިއުރިޓީ ހަރުދަނާ ކުރަން ފިޔަވަޅުތަކެއް އަޅަން އެންގުމުން ވެސް އެކަމަށް އެކަށީގެންވާ އިޖާބައެއް ދީފައި ނުވާތީ ކަމަށެވެ.