އައްޑު އަށް މި އަހަރުގެ މިހާތަނަށް 17،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ޓޫރިސްޓް އެރައިވަަލްސްގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ ކަމަށްވާ އައްޑު އަށް މި މަހުގެ 3 އާ ހަމައަށް ޒިޔާރަތްކޮށްފައި ވަނީ 17،763 ޓޫރިސްޓުންނެވެ.
މިއީ މިއީ މުޅި ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ ނިސްބަތުގެ 0.9 ޕަސަންޓެވެ.
އައްޑޫގައި ހަތަރު ރިސޯޓް އޮތް އިރު، މިހާރު އޮޕަރޭޝަނުގައި އޮތީ ދެ ތަނެވެ. އެއީ ކެނަރީފް ރިސޯޓާއި ގަމުގެ އީކްއޭޓަ ވިލެޖެވެ. އައްޑޫގައި ބަންދުކޮށްފައި އޮންނަތާ ފަސް އަހަރެއްހާ ދުވަސްވީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ މި މަހުގެ 31 ގައި އަލުން އޮޕަރޭޝަނަށް ގެންނަން ތައްޔާރުވަމުން އަންނަ އިރު، 2019 ގައި ހުޅުވި ސައުތު ޕާމް ރިސޯޓް މިހާރު އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.
އައްޑޫ ވަކި ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރަން، "އައްޑޫ، ބިޔޯންޑް އީކްއޭޓާ" ގެ ނަމުގައި މިދިޔަ އަހަރު ބްރޭންޑެއް ލޯންޗްކޮށް، އޭގެ ދަށުން އައްޑޫ ސިޓީ ކައުންސިލުން ތަފާތު ހަރަކާތްތައް ހިންގަ އެވެ.
އެންމެ ދެކުނުގެ އެހެން އަތޮޅުތަކަށް ބަލާ އިރު، އަހަރުގެ މިހާތަނަށް ފުވައްމުލަކަށް ޒިޔާރަތްކޮށްފައި ވަނީ 7،217 ޓޫރިސްޓުންނެވެ. ގއ. އަތޮޅަށް 31،729 އަށް ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، ގދ. އަތޮޅަށް 17،329 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.
އައްޑޫގައި މިހާރު ވެސް ގިނަ އަދަދެއްގެ ގެސްޓްހައުސްތަކެއް ހިންގަމުން އަންނަ އިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރު ކުރަނީ އެންމެ ދެ އެއާލައިނަކުންނެވެ. އެއީ މޯލްޑިވިއަން އާއި ސްރީ ލަންކަން އެއާލައިންސެވެ. ސްރީ ލަންކަން އަކީ ގަމަށް ޝެޑިއުލް ދަތުރުތައް ބާއްވާ ހަމައެކަނި ބޭރުގެ އެއާލައިނެވެ.
ރާއްޖެ އަށް އަހަރު މިހާތަނަށް 2.04 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.