ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ ސައިކަލުތައް އެތެރެކޮށް ވިއްކަމުން އަންނަ ޝީޝާ އިން ކުރިއަށް ގެންދާ "ޝީޝާ އަތޮޅު ތެރެއަށް" ގެ އާ އެޑިޝަން އައްޑޫ ހުޅުމީދޫގައި ބާއްވަން ނިންމައިފި އެވެ.
މި ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 9 ގަ އެވެ. އެގޮތުން ސީނު އެޑިޝަން ބާއްވަން ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 6:00 އެވެ. އެއީ މެންދުރު 12:00-1:00 އަށް ބްރޭކެއް ވެސް އެކުލެވޭ ގޮތަށެވެ.
"ޝީޝާ އަތޮޅު ތެރެއަށް" ސީނު އެޑިޝަންގައި ދޭނެ ހިދުމަތްތަކުގެ ތެރޭގައި ސައިކަލްތަކުން ހާއްސަ އޮފާތަކެއް ދިނުމާއިސައިކަލްތައް ސާވިސްކޮށް ދިނުމާއި ސްޕެއާތަކާއި އެ ކުންފުނިން ވިއްކާ ކެމިކަލް ގާއިސްގެ އުފެއްދުންތައް ގަތުމުގެ ފުރުސަތު ހިމެނެ އެވެ.
މި ހިދުމަތްތައް ހޯދަން ދުރާލައި ބުކިންސް އަށް ވެސް މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެކަމަށް ގުޅަން ޖެހޭ ނަމްބަރަކީ 7939099 އެވެ.
އައްޑު އަކީ ޝީޝާގެ ސޭލްސް ސެންޓަރެއް ވެސް ހުންނަ ސިޓީއެކެވެ. އެތަން ހުންނަނީ ހިތަދޫގަ އެވެ.
ޝީޝާ އިން ބުނި ގޮތުގައި "އަތޮޅު ތެރެއަށް" ގެ ބޭނުމަކީ އެންމެ ފުރިހަމަ އަދި އިތުބާރު ކުރެވޭ ސައިކަލު ސޮލިއުޝަންތައް ނުލިބޭ ރަށްތަކާއި ސީދާ ގުޅުން ބަދަހިކޮށް ހިދުމަތްތައް ގާތުން ހޯދޭނެ މަގުފަހިކޮށް ދިނުމެވެ.
"ޝީޝާ އަތޮޅު ތެރެއަށް" ގެ ފުރަތަމަ އެޑިޝަން ބޭއްވީ މި އަހަރުގެ ޖުލައި 17-21 އަށް އއ. އަތޮޅުގަ އެވެ. އެގޮތުން އުކުޅަހާއި ރަސްދޫގައި އަދި ތޮއްޑޫގައި ހިދުމަތްތައް ދީފައިވެ އެވެ.