މަގުތަކުން ވެހިކަލްތައް ޓޯކުރަން ފުލުހުން ޚާއްސަ ވެހިކަލެއް ބޭނުން ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ މާލެ ސަރަހައްދުގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްގައި ހުންނަ ވެހިކަލްތައް ޓޯކުރަން އެކަމަށް ހާއްސަ ވެހިކަލެއް ބޭނުން ކުރަން ފެށީ ބުރާސްފަތީގައ ކަމަށެވެ. އަދި އޭގެ ސަބަބުން ޓޯކުރަން ބޮޑެތި ފަސޭހަތަކެއް ލިބިފައިވާ ކަމަށް ބުންޏެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކުރުމަކީ ވަރަށް އާންމު މައްސަލައެކެވެ. މީގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައި ހުންނަ ވެހިކަލްތައް ވެސް ހިމެނެ އެވެ.
އެހެންވެ ސިލްސިލާކޮށް ފުލުހުން އަންނަނީ ވެހިކަލްތައް ޓޯކޮށް މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، އަމާން ރައްކާތެރި ތަނަކަށް ހަދަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިއަދު ވެސް ޓޯކުރުމުގެ ހާއްސަ އޮޕަރޭޝަނަށް ހުޅުމާލޭގައި ވަނީ ފަށައިފަ އެވެ. އެގޮތުން ހުޅުމާލޭގެ މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ވެހިކަލްތައް ނަގާނެ އެވެ.
މި އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރުރު މުޙައްމަދު އަމީނެވެ. އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރޔ އަލީ ޒިހައިރު ވެސް ބައިވެރިވަޑައިގަތެވެ.
މިއޮޕަރޭޝަނަކީ ފުލުހުންނާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީ އާއި އާއި އެޗްޑީސީ، ޕަބްލިކް ވޯކްސް އާއި އެމްޑަބްލިއުއެސްސީ އާއި އެސްޓީއޯ އާއި ވެމްކޯ އާއި އެމްޕީއެލާއި ސްޓެލްކޯ އާއި އާރުޑީސީ އާއި އެމްޓީސީސީ އަދި އެމްއޭސީއެލް ގުޅިގެން މި މަހުގެ 9 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ހުޅުމާލެ ދެ ފޭހުގައި ކުރިއަށް ގެންދާނެ އެވެ.