ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިހާރު 10،000 މީހުން ހަމަވަނީ އެންމެ ހަތަރު ސިޔާސީ ޕާޓީގައި ކަމަށް އިލްކެޝަން ކޮމިޝަން އީސީ) އިން ބުނެފި އެވެ.
ކޮމިޝަނުން މިއަދު ސޯޝަލް ޕޯސްޓެއްގައި ބުނީ އެ ޕާޓީތަކަކީ ވެރިކަން ކުރާ ޕީއެންސީގެ އިތުރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އަދި އެމްޑީއޭ ކަމަށެވެ.
ޕާޓީތަކަށް ފައިސާ ދޫކުރަނީ މެންބަރުންގެ އަދަދު 10،000 އަށް އަރާ ނަމަ އެވެ. އެގޮތުން އެންމެ ފަހުން ޕާޓީތަކަށް ފައިސާ ދޫކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އޭރު ފައިސާ ލިބުނީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި އޮތް 9 ޕާޓީގެ ތެރެއިން ފަސް ޕާޓީއަކަށެވެ. އެއީ ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ.
މިހާރު މެންބަރުން އެންމެ ގިނަ ޕާޓީ އަކީ ޕީއެންސީ އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި މިހާރު އޮތް 9 ޕާޓީ އަކީ ޕީއެންސީ، އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ، އެމްޑީއޭ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް، އެމްއެންޕީ އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އެވެ.