Last Updated: July 7, 19:18
Tuesday, July 7, 2026
ޚަބަރު

ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި

ރާއްޖޭގެ ރައީސްކަންކޮށްފައިވާ ފަރާތްތަކުގެ އޮފީސް ހިންގަން ދައުލަތުގެ ބަޖެޓުން ކުރަމުން އަދި ހަރަދު ކަނޑާލަައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ފަރާތްތަކަށް އެލަވަންސް ހަމަޖެއްސުމަށް، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ޤާނޫނަށް ގެނެވުނު އިސްލާޙްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށް ދެމުންގެންދިޔަ އޮފީސް ހިންގުމުގެ ޚަރަދު އުނިކުރުމާއި، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އެ މީހަކު ދެވަނަ ދައުރަކަށް އިންތިޚާބުވުމާއި ދައުލަތުގެ އެނޫންވެސް މަގާމަކާ ހަވާލުވާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގެ ތެރޭގައި އިނާޔަތް ލިބުން މެދުކެނޑޭނެ ކަމަށް ވަނީ ކަނޑައަޅާ ބަޔާންކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ނަމަ، އެ މުއްދަތުގައި، އެ މީހަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމު ނޫންކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތީން ރިޔާސަތުގެ ފަސް އަހަރުދުވަހުގެ ދައުރެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކޮށްފައިވާ މީހަކަށް ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްވެސް މި ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން މާލީ އިނާޔަތެއްގެ ގޮތުގައި މަހަކު 30،000ރ. އާއި ދައުލަތުގެ ޚަރަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ޞިއްޙީ ޚިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ވެސް މި ބިލުގައި ވަނީ ހިމަނައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެ މީހެއްގެ މަގާމުގައި ހުރިއިރު، ޖިނާއީ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވާ ވަގުތުން ފެށިގެން، އޭނާއާއި އޭނާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް މި ޤާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެކަމަށް ވެސް ވަނީ ބަޔާންކޮށްފަ އެވެ.